ވިޔަފާރި

ލ.އަތޮޅުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް ދެއްވަނީ


ލ. އަތޮޅު ކައުންސިލުގެ އިދާރާއާއި ގަމުގެ ކައުންސިލް އިދާރާއިން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް ދެއްވަން މާދަމާ ފަށްޓަވާނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކުރައްވާ ގޮތުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއާ ގުޅުން ހުރި ޚިދުމަތްތައް ކަމުގައިވާ، ވިޔަފާރިއާ ގުޅުންހުރި ނަން ފާސްކުރުމާއި ވިޔަފާރި ރެޖިސްޓްރީކުރުމާއި އިމްޕޯޓު ހުއްދަ ހޯދުމާއި އެސްއެމްއީ ރެޖިސްޓްރީކުރުމުގެ ޚިދުމަތް، ލ. އަތޮޅު ކައުންސިލްގެ އިދާރާއާއި ގަމުގެ ކައުންސިލްގެ އިދާރާއިން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.

ލ. އަތޮޅުން މި ޚިދުމަތްތައް ދެއްވުމަށް ބޭނުންވާ މައުލޫމާތު ލ. އަތޮޅު ކައުންސިލްގެ އިދާރާއާއި ގަމުގެ ކައުންސިލްގެ ބޭފުޅުންނަށް ވަނީ ދެއްވާފައެވެ. މި މަޢުލޫމާތު ދެއްވީ ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ހިމެނިވަޑައިގަންނަވާ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ޓީމެއް އެ އަތޮޅަށް ޒިޔާރަތްކޮށްގެނެވެ. މި ޓީމުގެ ބޭފުޅުން ބިޒްނަސް ޕޯޓަލް ސިސްޓަމަށް އަހުލުވެރިކުރުވުމަށް އެއަތޮޅުގެ ވިޔަފާރިވެރިންނަށްވެސް މިކަމާގުޅޭ މަޢުލޫމާތު ވަނީ ދެއްވާފައެވެ.

އިކޮނޮމިކް މިނިސްޓްރިން މިހާރުވެސް އަންނަނީ ހއ. އަތޮޅު ހޯރަފުށި، ދިއްދޫ، އިހަވަންދޫ، ހދ. ކުޅުދުއްފުށި، ޅ. އަތޮޅު ކުރެންދޫ، އޮޅުވެލިފުށި، ނައިފަރު، ހިންނަވަރުގައި، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް ދެމުންނެވެ.

އާބާދީގައި ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ބިޒްނަސް ޕޯޓަލް ސިސްޓަމް ޤާއިމްކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެގޮތުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް ޏ.ފުވައްމުލަކުގައި އަންނަ މާޗުމަހު ފަށްޓަވާނެކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ރާއްޖޭގައި ވިޔަފާރިކުރުމަށް ފަހި މާޙައުލެއް ޤާއިމްކުރައްވައި ވިޔަފާރީގައި އަމިއްލަ ފަރުދުންގެ ބައިވެރިވުން އިތުރުކުރެއްވުމަށާއި ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.