ދީން

އިމާމުންނާއި ކައުންސިލަރުންނަށް ޚާއްޞަ ކޯސްތަކެއް ފަށްޓަވަނީ


އިމާމުންނާއި ކައުންސިލަރުންނަށް ޚާއްޞަ ކޯސްތަކެއް ފެށްޓެވުމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ނިންމަވައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވީ އަންނަ އަހަރު ޖެނުއަރީގައި އިމާމްޝިޕް އެންޑް ލޯކަލް ގަވަރނެންސް އިން ޑިޕްލޮމާއާއި އެސޮސިއޭޓް ޑިގްރީ އަދި ބެޗެލާރސް ޑިގްރީ ފެށްޓެވުމަށް އެ ޔުނިވަސިޓީން ނިންމަވާފައިވާކަމަށެވެ.

ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާލެއާއި އަތޮޅުތަކުގައިވެސް މި ޕްރޮގްރާމްތައް ކުރިއަށްގެންދަވާނެކަމަށެވެ. އަދި ކޯސްތައް ކުރިއަށް ގެންދަވާނެ ރަށްތަކެއް އަންނަ އަހަރުގެ ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިހާރު ރަށްރަށުގައި ތިބި ޚަތީބުންނާއި މީސްމީހުން މަރުވެ މިދަނީ، ދެންތިބި ކަންކަމާ ޙަވާލުވެ ޒުވާނުން، ކައުންސިލަރުން ކައުންސިލަރުންގެ ގޮތުގައާއި އެކިއެކި އިމާމުންގެ ގޮތުގައި މި ބޭފުޅުންނަށް މި ޢިލްމު އަޅުގަނޑުމެން ފޯރުކޮށް ނުދީފިނަމަ މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތައް ވަރަށް ބޮޑަށް ބަލިކަށިވެގެން ހިނގައިދާނެ. އެހެންވީމަ ރަށްރަށުގެ ލީޑަރުންނަށް ތިއްބަވާ ކައުންސިލަރުންނާއި އިމާމުންނާއި މި ބޭފުޅުންނަކީ މިކަމުގެ މަޢުލޫމާތު ލިބިފައިވާ ބަޔަކަށް ވާންޖެހޭ." ޝަހީމް ވިދާޅުވިއެވެ.

ޒަމާނާ ގުޅޭގޮތަށް ޢަރަބި ބަސް އުނގަންނައިދެއްވުމަށްވެސް "އައިޔޫއެމް" އިން ވަނީ ޚާއްޞަ މަޝްރޫޢެއް ފަށްޓަވާފައެވެ. ޢަރަބި ބަހުން ކިޔަވައިދޭ ފަސް ކޯހެއް އެ މަޝްރޫޢުގެ ދަށުން، ފަށްޓެވުމަށް އެ ޔުނިވަރސިޓީން ވަނީ ނިންމާވާފައެވެ. އެ ކޯސްތައް ފެށްޓެވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގައެވެ.