ޚަބަރު

އެންމެ ދެކުނުގެ 3 އަތޮޅަށް ޔެލޯ އެލާޓް ނެރުއްވައިފި


ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެެރުއްވައިފިއެވެ. 

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރައްވައި އެންމެ ދެކުނުގެ ތިންއަތޮޅަށް ޔެލޯ އެލާޓް ނެރުއްވާފައިވަނީ، މިއަދު ހެނދުނު އަށްގަޑި ތިރީހުން މެންދުރުފަހު އެކެއް ޖެހުމާއި ހަމައަށެވެ.

ޔެލޯ އެލާޓް އަކީ މޫސުން ގޯސްވެ ރައްޔިތުންނަށާއި މުދަލަށް ގެއްލުން ލިބިދާނެތީ އެކަމަށް ސަމާލުކަން ދިނުމުގެ ގޮތުން، އަންގަވާ އެލާޓް ލެވަލް ދޭއްގެ އެންގުމެކެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި، އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ.

އެހެންކަމުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.