ޚަބަރު

މިނިސްޓަރު އިރުތިޝާމާއި މެމްބަރު ޝާހިދުގެ ކައިވެނި ޕާޓީބާއްވައިފި


ފަހުގެ ތާރީޚުގައި ރާއްޖޭގައި ކުރި އާދައާ ޚިލަފު ކައިވެންޏެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އިރުތިޝާމް އާދަމާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ކައިވެނީގެ ވާލީމާ މިރޭ ބާއްވައިފިއެވެ.

މި ދެބޭފުޅުން ކައިވެނި ބައްލަވައިގަތީ މިއަދު ހަވީރުއެވެ. މިރޭ ހޮޓެލް ޖެންގައި ބޭއްވި ކައިވެނި ޕާޓީގެ ޙަފްލާގައި އަށްސަތޭކައަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

މިނިސްޓަރު އިރުތިޝާމުގެ އަލަތު ކައިވެނީގެގޮތުގައި މި ކައިވެނި ވާއިރު، މިއީ ސަރުކާރުގެ މަތީފަންތީގެ އިސްބޭފުޅުންގެ މެދުގައިވެސް ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ކައިވެންޏެކެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ބައެއް ރަސްމީ ޖަލްސާތަކުގައި އެމަނިކުފާނުވެސް ވަނީ މި ކައިވެންޏަށް އިޝާރާތްކުރައްވައި ބައެއް ވާހަކަފުޅުތައް ވިދާޅުވެ ސަމާސާކުރައްވާފައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި، ވަޒީރަކު ކައިވެނިބައްލަވައިގަތް ފުރަތަމަ ފަހަރެވެ.