ޚަބަރު

ގެއްލުނު މީހާ ހޯދަން ވައިގެ މަގުންވެސް މަސައްކަތް ފަށައިފި


އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ މީހާ ފެނޭތޯ ވައިގެ މަގުންވެސް މަސައްކަތް ފަށްޓަވައިފިއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ ޚަބަރެއް ނުވެގެން ހޯދަމުންދަނީ ށ.ޅައިމަގު އެވަރެސްޓް، ޢުމުރުން 23 އަހަރުގެ އަޙްމަދު ޖައިލަމްކަމަށެވެ.

ނުވަ މީހުންނާއެކު ދަތުރުކުރި ރ.ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނިން ހުއިފިލަނޑާ ނަގަން ފޭބި ތިންމީހުންގެ ތެރޭގައި ހިމެނޭ ޖައިލަމް ޚަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ އޭނާއާއެކު ޑައިވިންއަށް ދިޔަ ދެ މީހުން މައްޗަށް އެރިއިރުވެސް، އަޙްމަދު ޖައިލަމްގެ ޚަބަރެއް ނުވުމުންނެވެ. އެނާ ހޯދުމުގެ މަސައްކަތް މޯލްޑިވިއަން ސީ ޕްލޭން ބޭނުންކުރައްވައިގެންވެސް މިއަދު ކުރިޔަށް އެބަގެންދަވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދުގެ ކަނޑު ވަރަށް ގަދަ ނަމަވެސް ކޯސްޓްގާރޑްގެ ދެ އުޅަނދަކާއި ޑައިވަރުންވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

ޑައިވިންއަށް ފޭބިއިރު، އަޙުމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި ކަޅުކުލައިގެ ޑައިވިންގ ޖެކެޓެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެނާގެ އަތުގައި ރަތްކުލައިގެ ބެލޫނެއް ވާނެ ކަމަށާއި އަޙްމަދު ޖައިލަމުގެ އިސްކޮޅުގައި 5 ފޫޓް 6 އިންޗި ހުންނަ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މީނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާރޑުން އެދިވަޑައިގެންނަވައެވެ.