ޚަބަރު

މިފްކޯއިން ދިލަޖެއްސި މަސް ބާޒާރަށް ނެރެފި


ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ދިލަޖެއްސި މަސް ބާޒާރަށް ނެރެފިއެވެ.

މިފްކޯއިން ބާޒާރަށް ނެރުނު މި އުފެއްދުމާ ބެހޭގޮތުން ޓީވީއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، މޯލްޑިވްސް އިންޑަރސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ސޭލްސް އެންޑް މާރކެޓިންގގެ ޑެޕިއުޓީ ހެޑް އަޙްމަދު ހާޝިމް ވިދާޅުވީ، މިފްކޯއިން ދިލަޖެއްސި މަސް ބާޒާރަށް ނެރުނީ ޢާއްމު ރައްޔިތުންނަށް ވީހާވެސް ހެޔޮއަގެއްގައި މަހުގެ ބާވަތްތައް ލިބިދިނުމަށް މިފްކޯއިން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށެވެ. img:http://s2.psmnews.mv/images/660x400/14873299225892.jpg|މިފްކޯއިން ބާޒާރަށް ނެރުނު ދިލަޖެއްސި މަސް - ފޮޓޯ: ޕީއެސްއެމް

އަޙްމަދު ހާޝިމް ވިދާޅުވީ، މިފްކޯއިން ތައްޔާރުކޮށްފައިވާ ދިލަޖެއްސި މަހަކީ ގޭބިސީތަކަށް ޚާއްޞަ އުފެއްދުމެއް ކަމަށެވެ. މިގޮތުން ބާޒާރުގައި ޢާއްމުކޮށް ވިއްކަން ހުންނަ ވަޅޯމަހަށްވުރެ މިފްކޯއިން ވިއްކަމުންދާ ދިލަޖެއްސި މަސް އަގުހެޔޮވާނޭ ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ދިލަޖެއްސި މަސް ވިއްކަމުންދަނީ ކިލޯއެއް ސާޅީސްއަށް ރުފިޔާއަށެވެ. މިފްކޯގެ މި އުފެއްދުން އެކުންފުނީގެ ހުރިހާ އައުޓްލެތްތަކަކުން ލިބެން ހުންނާނެއެވެ.

މިފްކޯއިން ދިލަޖެއްސި މަސް މިވަގުތު ބާޒާރުގައި ވިއްކަމުންދަނީ ފެލިވަރުގައި ބަންދުކޮށްގެންނެވެ. އެހެންނަމަވެސް ކުރިއަށްއޮތްތަނުގައި ކޫއްޑޫ މެދުވެރިކޮށްވެސް ދިލަޖެއްސި މަސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯގެ މި އުފެއްދުމަށް އާއްމު ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ. މިފްކޯއިން ވަނީ މީގެކުރިންވެސް ގޭބިސީތަކަށް ޚާއްޞަކޮށް މަހުގެ އެކިކަހަލަ އުފެއްދުންތައް ބާޒާރަށް ނެރެފައެވެ.