ޚަބަރު

ބީއެމްއެލްއިން 3 ޖަމްޢިއްޔާއަކަށް ފައިސާގެ އެހީ ދީފި


"އަހަރެންގެ ބޭންކް" ކެމްޕެއިނުގެ ދަށުން ބޭންކް އޮފް މޯލްޑިވްސުން ކުރިއަށްގެންދިޔަ ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ގައި މިއަދު 3 ޖަމްޢިއްޔާއަކަށް ފައިސާގެ އެހީ ދީފިއެވެ.

ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ފަށާފައިވަނީ މިއަދު ހެނދުނު 06:30 ގައި ބީއެމެއެލްގެ ހެޑް އޮފީސް ކުރިމަތިންނެވެ. އަދި ބައިވެރިން ދުވުން ނިންމާލީ ރަސްފަންނު ސަރަހައްދަށެވެ.

ރަސްފަންނު ސަރަޙައްދަށް ދުވުން ނިންމާލުމަށްފަހު، ބޭއްވި މި ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ ފައިސާގެ އެހީ ލިބުނު ޖަމްޢިއްޔާތަކަށް ރަމްޒީ ޗެކް ޙަވާލުކޮށްދެއްވާފައެވެ. މިއަހަރުގެ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގައި ބޭންކް އޮފް މޯލްޑުވްސުން ފައިސާގެ އެހީ ދިން ޖަމްޢިއްޔާތަކަކީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއަރޑް ސޮސައިޓީ އަދި މެންޓަލް ހެލްތު އެވެއަރނަސް ފައުންޑޭޝަނެވެ. މިއިން ކޮންމެ ޖަމްޢިއްޔާއަކަށް 30،000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމްޢިއްޔާތަކުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށެވެ.

ބީއެމްއެލް ސްޓާފް ޗެރިޓީ ރަންގައި އެ ކުންފުނީގެ 250 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައިވެފައެވެ. "އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމަޢު ބީއެމްއެލްއާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭންގެ ތެރެއިން މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމަޢަށް ފައިދާ ހުރި ޙަރަކާތެއް ބޭންކުން ދަނީ ހިންގަމުންނެވެ.