ޚަބަރު

ޗައިނާގެ އެސިސްޓަންޓް ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި


ޗައިނާގެ އެސިސްޓަންޓް ފޮރިން މިނިސްޓަރ ކޮންގް ޒުއާންޔޫ ރަސްމީ މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗައިނާގެ އެސިސްޓަންޓް ފޮރިން މިނިސްޓަރަށް މަރުޙަބާ ވިދާޅުވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ޢާއިޝަތު އަޒީމާއާއި ޑިރެކްޓަރ އަޙްމަދު ފަޒީލެވެ.

ޗައިނާގެ އެސިސްޓަންޓް ފޮރިން މިނިސްޓަރގެ މިދަތުރުފުޅަކީ ރާއްޖެއާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު ބޭއްވެވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދެޤައުމުގެ ޚާރިޖީ ވުޒާރާގެ ދެމެދު ބޭއްވެވި އެންމެ ފަހުގެ މަޝްވަރާތައް ބައްވަވާފައި ވަނީ ދެހާސް ސާދަވަނަ އަހަރެވެ.

މިދަތުރުފުޅުގެ ތެރެއިން ޗައިނާގެ އެސިސްޓަންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިގަމުންދާ ގޮތް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.