ޚަބަރު

ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި


އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނެގުމަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފިއެވެ.  

އެމްއެންޑީއެފުން ވިދާޅުވީ ޚަބަރެއް ނުވެގެން ހޯދަމުންދަނީ ށ.ޅައިމަގު އެވަރެސްޓް، އުމުރުން 23 އަހަރުގެ އަޙްމަދު ޖައިލަމް ކަމަށެވެ. ނުވަ މީހުންނާއެކު ދަތުރު ކުރި ރ. ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނިން ހުއިފިލަނޑާ ނަގަން ފޭބި 3 މީހުންގެ ތެރޭގައި ހިމެނޭ ޖައިލަމް ޚަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ އޭނާއާއެކު ޑައިވިންއަށްދިޔަ 2 މީހުން މައްޗަށް އެރިއިރުވެސް، އަޙްމަދު ޖައިލަމްގެ ޚަބަރެއް ނުވުމާ ގުޅިގެންނެވެ. އެނާ ހޯދުމުގެ މަސައްކަތް މޯލްޑިވިއަން ސީ ޕްލޭން ބޭނުންކޮށްގެން މިއަދު ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުގެ ކަނޑު ވަރަށް ގަދަ ނަމަވެސް ކޯސްޓްގާޑުގެ ދެ އުޅަނދަކާއި ޑައިވަރުންވެސް އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޑައިވިންއަށް ފޭބިއިރު، އަޙްމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި ކަޅުކުލައިގެ ޑައިވިންގ ޖެކެޓެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މީގެ އިތުރުން އެނާގެ އަތުގައި ރަތް ކުލައިގެ ބެލޫނެއް ވާނެ ކަމަށާއި އަޙްމަދު ޖައިލަމްގެ އިސްކޮޅުގައި 5 ފޫޓް 6 އިންޗި ހުންނަ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މީނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދިވަޑައިގެންނަވައެވެ.