ޚަބަރު

ޤާޟީ މަރްޔަމް ވަޙީދު ޝަރީޢަތް ކުރުން މަނާކުރައްވައިފި


ސުޕްރީމް ކޯޓުން ނިޔާ ކަނޑައަޅުއްވާފައިވާ މައްސަލައެއް އަލުން ބައްލަވާފައިވާތީ ސިވިލްކޯޓްގެ ޤާޟީ މަރިޔަމް ވަޙީދު ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީޢަތް ކުރުން ސުޕްރީމް ކޯޓުން މަނާކުރައްވައިފިއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ސުޕްރީމް ކޯޓުން ނެރުއްވި ކޯޓް އަމުރެއްގައިވަނީ ދިވެހި ދައުލަތުން "މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅުއްވާފައިވަނިކޮށް ސިވިލްކޯޓުން އެމައްސަލަ އަލުން ބައްލަވައި ސުޕްރީމް ކޯޓުން ނިންމެވިގޮތާ ޚިލާފަށް ނިޔާ ކަނޑައެޅުއްވުމާ ގުޅިގެން އެމައްސަލަ ބެއްލެވި ޤާޟީ މަރިޔަމް ވަޙީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީޢަތް ކުރުމުގެ ޙައިސިއްޔަތު ލިބިގެން ނުވާކަމަށް ކަނޑައަޅުއްވާކަމަށެވެ.

މިމައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން އެކޯޓުން ވަނީ ދިވެހި ދައުލަތާ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ ދެމެދު ތަންފީޛް ކުރުން ލާޒިމުވާ އެއްބަސްވުމެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ. 

އެހެން ނަމަވެސް ސިވިލް ކޯޓުން މިއަދު ކުރެއްވި ޙުކުމެއްގައި އެކޯޓުން ވަނީ ދިވެހި ދައުލަތުގެ މައްޗަށް، މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާއެކު ވ.ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ އެގްރީމެންޓުގައި 7 ދުވަހުގެ ތެރޭގައި ސޮއިކުރެއްވުމަށް ޙުކުމް ކުރައްވާފައެވެ. ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުގެ މި ޙުކުމް ބާޠިލުކަމަށް ކަނޑައަޅުއްވާފައެވެ. 

ސުޕްރީމް ކޯޓުގެ ޢަމުރުގައި ވަނީ ދިވެހިރާއްޖޭގެ އެންމެ މަތީކޯޓުން ގޮތެއް ނިންމަވާފައިވާ މައްސަލައެއްގައި ދަށުކޯޓަކުން އަލުން އެމައްސަލަ ބައްލަވައި މަތީ ކޯޓުން ނިންމެވިގޮތާ ޚިލާފަށް ގޮތެއް ކަނޑައެޅުއްވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ކޯޓްތަކުގެ ޤާނޫނާއި، ޝުޕްރީމް ކޯޓުގެ ޤަވާއިދާ ޚިލާފުކަމެއްކަމުން ސިވިލް ކޯޓްގެ މި ނިންމެވުމަކީ ބާޠިލު ނިންމެވެއްކަމަށެވެ. އަދި މި މައްސަލައިގައި ސިވިލް ކޯޓްގެ ޤާޟީ މަރިޔަމް ވަޙީދު ޤާނޫނުއަސާސީއާއި ކޯޓްތަކުގެ ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އޭނާއަށް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީޢަތް ކުރުމުގެ ޝަރުޢިއްޔަތާއި، އަހުލިއްޔަތާއި، ވިޔާލަތު ލިބިގެން ނުވާކަމަށް ކަނޑައަޅުއްވާކަމަށެވެ.