ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ޔޫއޭއީއަށް ފުރާވަޑައިގެންފި


ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް، ޗީފް އޮފް ޑިފެންސް ފޯސް، ޔޫއޭއީ އަށް ކުރައްވާ މި ދަތުރުފުޅަކީ، މިމަހުގެ 18 އިން 23 އަށް އެޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.