ޚަބަރު

ޑައިވިންގއަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނީ


އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނެގުމަށް ޑައިވިންގއަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޚަބަރެއް ނުވެގެން ހޯދަމުންދަނީ ނުވަ މީހުންނާއެކު ދަތުރު ކުރި ރ.ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނިން ހުއިފިލަނޑާ ނަގަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނޭ ށ.ޅައިމަގު އެވަރެސްޓް، އުމުރުން 23 އަހަރުގެ އަޙްމަދު ޖައިލަމް ނަމަކަށް ކިޔާ މީހެއްކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ އަޙްމަދު ޖައިލަމް ޑައިވިންއަށް ފޭބިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 13:15 ހާއިރުކަމަށާއި އަޙްމަދު ޖައިލަމް ޚަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ އޭނާއާއެކު ޑައިވިންއަށްދިޔަ ދެ މީހުން މައްޗަށް އެރިއިރު ވެސް، އަޙްމަދު ޖައިލަމްގެ ޚަބަރެއް ނުވުމާ ގުޅިގެންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިއަދު ހަވީރު 15:45 ހާއިރު އެމްއެންޑީއެފަށް މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

ޑައިވިންއަށް ފޭބިއިރު، އަޙްމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި ކަޅުކުލައިގެ ޑައިވިންގ ޖެކެޓެއްކަމަށާއި އަދި ހުދުކުލައިގެ ފިންސަކަށް އަރާފައި ހުރި އިރު، އަޅައިގެން ހުރީ ކަޅު ކުލައިގެ މޫނުމައްޗެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން އަތުގައި ރަތް ކުލައިގެ ބެލޫނެއް ވާނެ ކަމަށާއި އަޙްމަދު ޖައިލަމުގެ އިސްކޮޅުގައި 5 ފޫޓް 6 އިންޗި ހުންނަ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މީނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބައްލަވައިދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދިވަޑައިގެންނަވައެވެ.