ވިޔަފާރި

"ތަރައްޤީގެ މަޝްރޫޢުތަކަށް ލިބޭ ބޭރުގެ އެހީ ވަނީ އިތުރުވެފައި"


ވޭތުވެދިޔަ ތިން އަހަރު ދުވަހުގެތެރޭ ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ރާއްޖެއިން ބޭރުން ހޯދަމުންދާ ހިލޭއެހީއާއި ބެހޭގޮތުން ޓީވީއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ވިދާޅުވީ، ރައީސް ޔާމީނު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި އިޤްތިޞާދީ އެހީގެ ގޮތުގައި ރާއްޖެއަށް ލިބުނު އެހީ އެތައް ގުނައެއް އިތުރުވެފައިވާކަމަށެވެ.

ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށްވާތީ، ލިބޭ ހިލޭ އެހީ މަދުވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ އޮތްނަމަވެސް، ސަރުކާރުގެ މަސައްކަތުން ރާއްޖެއަށް ލިބޭ ހިލޭ އެހީގެ މިންވަރު އިތުރުވަމުން އަންނަކަމަށެވެ. ސަރުކާރަށް ތިން އަހަރު ފުރުނުއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 2.1 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރައްވައި، ޢުމްރާނީ ތަރައްޤީ އިތުރުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ބޮޑެތި މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މަޝްރޫޢުތަކަށް ބަލާއިރު، މާލެއާއި ހުޅުލެ ގުޅުވާލާ ބްރިޖުގެ މަޝްރޫޢާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ކުރިއަށްގެންދަވާ އަށްސަތޭކަ މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް ސަރުކާރުން ގެންދަވަނީ އަތޮޅުތަކުގެ އެކި ރަށްރަށުގައި އިޤްތިޞާދީ އަދި ޢުމްރާނީ އެތައް މަޝްރޫޢުތަކެއް ހިންގަވަމުންކަން ފާހަގަކޮށްލެވެއެވެ.