ޚަބަރު

އަލިފާނުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންކުރާނެ ވަޞީލަތްތަކެއް


އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރެއްވުމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ވަޞީލަތްތައް، އަންނަ މާޗްމަހު ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ރާއްޖެއަށް ލިބޭނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫ ސިޓީ ހުޅުމީދޫގައި ފަޔަރއެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތް ދިނުމަށް ޢިމާރާތެއް އެޅުއްވުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކަށް ކޮންޓްރެކްޓް އުޞޫލުން ޙަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މީހުންގެ ފުރާނައާއި، މުދާ ރައްކާތެރި ކުރުމަށް އަތޮޅުތަކުގައިވެސް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތްދެއްވާނެ މަރުކަޒުތަކާއި، ޔުނިޓްތައް މާލެއެކޭ އެއްގޮތަށް ޤާއިމް ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން އައްޑޫ ސިޓީގެ ހުޅުމީދޫގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތް ދެއްވުމަށް ޢިމާރާތެއް އެޅުއްވުމުގެ މަސައްކަތް އަނަން އަހަރު ޖެނުއަރީ މަހުގެ ނިޔަލަށް ނިންމެވުމަށް އެގްރީމެންޓް ކުރައްވައި މަސައްކަތް ޙަވާލުކުރައްވާފައިވަނީ، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ކޯސްޓްގާޑް ބިލްޑިންގގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު. އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދު ﷲ އަމީނެވެ.

ހުޅުމީދޫގެ އިތުރުން، އދ. މާމިގިލީގައި ފަޔަރ އެންޑް ރެސްކިއު ޚިދުމަތް ދެއްވާނެ ޢިމާރާތެއް އެޅުއްވުމުގެ މަސައްކަތްވެސް ކުރިއަށް އެބަގެންދަވައެވެ. އެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަވަން ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން، ފ. ނިލަންދުއާއި، ގއ. ވިލިނގިލީގައި ހަދާ ކޮމިއުނިޓީ ފަޔަރ ފައިޓިންގ ސެންޓަރުތަކުގެ މަސައްކަތް، އެރަށްރަށުގެ ކައުންސިލްތަކާއި ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯސްޓްގާޑް ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރައްޔިތުންގެ ސަލާމާތާއި، ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން، ފަޔަރ ސްޓޭޝަންތައް އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމާއި، އަލިފާން ނިއްވާ ސާމާނު ހޯއްދެވުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.

"ޖަޕާންގެ އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ އެހީގައި، 74 ފަޔަރ ޕަންޕާއި، ފޯކްލިފްޓާއި، ލައިފްބޯޑާއި، ޖަނަރޭޓަރު ފަދަ ގިނަ ވަޞީލަތްތައް ލިބިގެންދާނެ. މިހާރު އޮތްގޮތުން، މީގެ ފުރަތަމަ ޝިޕްމަންޓް އަންނަ މާޗްމަހު ލިބޭނެ." ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވިފައި ހުރި ސިފައިންގެ ކޮމާންޑް ސެންޓަރުތައް އަލިފާންނިއްވާ މި ވަޞީލަތްތައް ލިބުމުން، ހަރުދަނާކުރެވި ރަށްރަށަށްވެސް ތަކެތި ލިބިދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ހުޅުމީދޫގައި ޤާއިމްކުރައްވާ ސްޓޭޝަންގެ ސަބަބުން އައްޑޫ ސިޓީގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ވީހާވެސް އަވަހަށް އެކަން ކޮންޓްރޯލް ކުރުމުގެ މަގުފަހިކުރެވޭނެކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޚާއްޞަގޮތެއްގައި އައްޑޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުން ދެއްވާ އިސްކަން ވަރަށް ބޮޑަށް ފާހަގަވެގެންދާނެ ކަމެއް. އަދި މި ޢިމާރާތްކުރެވިގެން ދިޔުމުގެ ސަބަބުން، އިރާދަކުރެއްވިއްޔާ ސިފައިންގެ ތެރެއިން ޚާއްޞަކޮށް، ފަޔަރ ފައިޓިންގގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް، އަދި ހަމައެއާއެކީގައި އެ މަސައްކަތުގައި ރަށްރަށުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށްވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ." ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

"ހިރާސް ފާސް"ގެ ނަމުގައި ވާރކްޝޮޕްތަކާއި ގުދަންތަކާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ހިނގާފާނެ އަލިފާނުގެ ޙާދިސާތަކަށް ސަމާލުވެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައި ހުރި ފިޔަވަޅުތައް ބެއްލެވުމަށް ފާސްކުރެއްވުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިހާރުވެސް ޤައުމީ ދިފާޢީބާރުން ކުރިއަށްގެންދަވައެވެ.

އަމާޒަކީ، ކުރިއަށް އޮތް ތާނގައި މިހާރަށްވުރެ އަވަހަށް ފަސޭހަ އިންތިޒާމެއްގެ ދަށުން، މާލެއާއި، އަތޮޅުތަކުގައިވެސް ހިނގާ އަލިފާނުގެ ޙާދިސާތައް މަދުކުރައްވައި، އަލިފާންނިއްވާ ރަނގަޅު ނިޒާމްތަކެއް ޤާއިމުކުރެއްވުން ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.