ވިޔަފާރި

އިތުރު ބިޒްނަސް ސަރވިސް އެޖެންޓުން ޢައްޔަންކުރައްވަނީ


ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް ދިނުމަށް އިތުރު ބިޒްނަސް ސަރވިސް އެޖެންޓުން ޢައްޔަންކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ދެއްވަމުންގެންދަވާ ޚިދުމަތްތައް ރާއްޖޭގައި ވިޔަފާރިކުރާ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ދެއްވުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ހުސްވި އަހަރުތެރޭ ވަނީ ބިޒްނަސް ސަރވިސް އޭޖެންޓުންގެ ގޮތުގައި 9 ފަރާތެއް ކަނޑައަޅުއްވާފައެވެ.

ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ އޭރު ޢައްޔަންކުރެއްވި 9 ބިޒްނަސް ސަރވިސް އެޖެންޓުންގެ ތެރެއިން ބައެއް ފަރާތްތައް އިކޮނޮމިކް މިނިސްޓްރީން ބޭނުންވާ މިންވަރަށް ޚިދުމަތް ދެމުންނުދާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި މިނިސްޓްރީން ބޭނުންވެވަޑައިގަންނަވަނީ ބިޒްނަސް ސަރވިސް އެޖެންޓުންގެ ޙިދުމަތްދޭ 10 އޭޖެންޓުން އަބަދުވެސް ޚިދުމަތް ދިނުމުގައި ތިބުމަށްކަމަށާއި އެހެންކަމުން އިތުރު އޭޖެންޓުން ޢައްޔަންކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

" އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކަށް މިވަނީ ބިޒްނަސް ސަރވިސްގެ އޭޖެންޓުންގެ ގޮތުގައި ތާއަބަދުމެ 10 ފަރާތް އެކްޓިވްކޮށް ތިބުން، މިހާރު ބޮޑަށް ޕްލޭންކޮށްގެން މިއުޅެނީ އަނެއްކާވެސް 10 ފަރާތަށް ހުއްދަދިނުމަށް." ވިސާމް ވިދާޅުވިއެވެ.

ބިޒްނަސް ސަރވިސް އެޖެންޓުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ 9 ފަރާތަކީ، އިކޮނޮމިކް މިނިސްޓްރީން ކުރެއްވި އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅި 11 ފަރާތުގެ ތެރެއިން، ހޮއްވަވާފައިވާ 9 އޭޖެންޓުންނެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ބިޒްނަސް ސަރވިސްގެ އޭޖެންޓުން ތަޢާރަފުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ވިޔަފާރިއާބެހޭ ޚިދުމަތްތައް މިހާރަށްވުރެ ފުރިހަމައަށް ޢާންމުންނަށް ދެއްވުން ކަމަށެވެ. އެގޮތުން، ފޯމު ފުރިހަމަކުރުމާއި، ފޯމު ބަލައިގަތުމާއި އަދި ފައިސާ ބަލައިގަތުމުގެ ޚިދުމަތްތައް ފީއެއް ދެއްކުމުން އޭޖެންޓުން ދެމުންދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.