ކުޅިވަރު

ޓީސީގެ އަމާޒަކީ މުބާރާތް ކާމިޔަބުކުރުން - ނިޒާމް


ކޮންމެ މުބާރާތަކާވެސް ޓީސީ ކުރިމަތިލާނީ އެ މުބާރާތެއް ކާމިޔާބުކުރުމަށް ކަމަށާ ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ގޯލްޑް ކަޕްގައިވެސް ވާދަކުރަނީ އެ މުބާރާތް ކާމިޔާބުކުރުމަށް ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.

ބަންގްލަދޭޝްގައި ފަށާ ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ގޯލްޑް ކަޕްގައި ވާދަކުރުމަށް ޓީސީ ސްޕޯޓްސް ކްލަބް ރޭ އެ ޤައުމަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު އެނގޭކަމަށާ ޓީސީ ގްރޫޕްގައި އޮތް ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއް ކަމަށެވެ. ނިޒާމް ބުނީ މިއީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާ މިއީ ޕްރީ ސީޒަންގައި ޓީމުގެ ފެންވަރު ބަލާ ޓީމު އިތުރަށް ރަނގަޅު ކުރުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ދަތުރެއް ކަމަށެވެ.



 "މި މުބާރާތް އޮންނަކަން އިނގުނު ހިސާބުން ޓީސީއިން އަންނަނީ މި މުބާރާތައް ވަރަށް ރަނގަޅަށް ތައްޔާރުވަމުން. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ބަލައިފިން. ވަރަށް ރަނގަޅު ވަރަށް ވަރުގަދަ ޓީމުތަކެއް ޓީސީ ގްރޫޕްގައި އޮތީ. އެހެންނަމަވެސް މިއީ މަސައްކަތް ކޮށްފިނަމަ ކާމިޔާބުކުރެވިދާނެ މުބާރާތެއް. ޓީސީން ނުކުންނާނި ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާ ޒުވާން ކުޅުންތެރިންނާއެކު މި މުބާރާތް ކާމިޔާބުކުރަން" ނިޒާމް ބުންޏެވެ. 



ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ގޯލްޑް ކަޕްގައި ވާދަކުރުމަށް ޓީސީ ސްޕޯޓްސް ކްލަބް ރޭ ބަންގްލަދޭޝްއަށް ފުރާފައިވާއިރު އެ ޓީމު ލައްވާލާފައިވަނީ ބަނގްލަދޭޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޑާކާ އަބަހާނީއާ، ކިރްގިސްތާނުގެ އަލްގާ ބިޝްކެކްގެ އިތުރުން ދެކުނު ކޮރެއާގެ ޕޮޗެއޯން އެފްސީއާ އެކު ގްރޫޕް އޭގައެވެ.