ވިޔަފާރި

ސައުތު އޭޝިއަން ޓްރެވަލް އެންޑް ޓްރޭޑް އެކްޒެބިޝަންގައި ރާއްޖެ


ދެކުނު އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކުގެ ތެރޭގައި ހިމެނޭ، ސައުތު އޭޝިއަން ޓްރެވަލް އެންޑް ޓްރޭޑް އެކްޒެބިޝަން ގައި މަޓާޓޯއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ ސަތާރައިގެ ނިޔަލަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ މި ފެއަރގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 20 ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ފެއަރގައި ދުނިޔޭގެ 35 ޤައުމަކުން އަދި އިންޑިއާގެ 28 ސްޓޭޓަކުން 750 ފަރާތަކުން ބައިވެރިވެފައިވެއެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ޤައުމެއް، އެގޮތުން ރާއްޖެއަށް އެޤައުމުން އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. މި ފެއަރގައި ރާއްޖެއިން ބައިވެރިވުން އިންޑިއާގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް އެހީތެރިވެދޭނެ ކަމަށް މަޓާޓޯއިން ދެކެއެވެ.

މަޓާޓޯއިން މިއަހަރުގެތެރޭ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ނުވަ ފެއަރއެއްގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދެން އެންމެ އަވަހަށް މަޓާޓޯއިން ބައިވެރިވާނީ އަންނަ އޭޕްރީލްމަހު ބާއްވާ ރިޔާޟް ޓްރެވަލް ފެއަރގައެވެ.