ވިޔަފާރި

ދަރިވަރުންނަށް ކޮޕީ ރައިޓާއި ގުޅޭގޮތުން މަޢުލޫމާތު ދީފި


ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް، ކޮޕީ ރައިޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް އިކޮނޮމިކް މިނިސްޓްރީން ބާއްވަވައިފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވެވި މި ސެޝަންގެ ބައިވެރިންނަށް ކޮޕީރައިޓާއި ގުޅޭގޮތުން މަޢުލޫމާތު ދީފައި ވަނީ ވަރލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަންގެ ބޭފުޅުންނެވެ. އިކޮނޮމިކް މިނިސްޓްރީން މިހަފްތާތެރޭ ވަނީ ކަމާގުޅޭ ފަރާތްތަކާއި އެކު ކޮޕީރައިޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގައި ކަލެކްޓިވް މެނޭޖްމަންޓް އޮގަނައިޒޭޝަނެއް ޤާއިމްކުރެއްވުމަށް ބޭނުންވާ ފަންނީ ލަފާއާއި އިރުޝާދު ދެއްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެފަދަ އުފެއްދުންތަކުން ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ލިބޭނެ ގޮތެއް ހަމަޖެއްސެވުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ވަނީ ކަލެކްޓިވް މެނޭޖްމަންޓް އޮގަނައިޒޭޝަނެއް ޤާއިމްކުރުމަށްވެސް ނިންމާފައެވެ.