ވިޔަފާރި

ރާއްޖޭގައި ހިންގާ އިޖްތިމާޢީ ހަރަކާތްތަކަށް ޤައުމީ ބޭންކުގެ އެހީ


މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގާ ސީއެސްއާރު ޙަރަކާތްތަކަށްވެސް އެހީތެރިކަން ދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އިޢުލާންކޮށްފިއެވެ. މިކަން އިޢުލާންކުރީ މިއަދު ދ.ކުޑަހުވަދޫގައި ހިންގި "އަހަރެންގެ ބޭންކް" ކެމްޕޭންގެ ޚާއްޞަ ޙަރަކާތެއްގައެވެ.

ބޭންކުން މިއަދު ހާމަކުރިގޮތުގައި، އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުން ރަށްރަށުގައި ހިންގާ މުޖުތަމަޢަށް ފައިދާހުރި ޙަރަކާތްތަކަށް ފަންޑް ހޯދުމަށް އެއަތޮޅެއްގެ ބޭންކް ބްރާންޗަށް ޕްރޮޕޯސަލް ހުށަހެޅޭނެކަމަށެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމަޢާއި، ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ބޭންކުން ވަނީ މީގެ ކުރިން ސީއެސްއާރު ޙަރަކާތްތަކަށް ބޭންކުން ހޭދަކުރާވަރު މިއަހަރު ދެގުނަ އިތުރުކުރާނެ ކަމަށާއި އަދި ރާއްޖޭގެ ސަރަޙައްދުތަކަށް ބޭންކްގެ ޚިދުމަތްތައް ފުޅާކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން ހާމަކޮށްފައެވެ.