ވިޔަފާރި

ސެނިމާގައި ހުށަހެޅުނު ކަންކަން ސަރުކާރަށް ހުށަހެޅޭނެ- މަސީ


ކޮންސްޓްރަކްޝަން ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް ޚާއްޞަ ސެމިނަރއެއް މަސީއިން ބާއްވައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ބޭއްވި އެއްދުވަހުގެ މި ސެމިނަރގައި ރާއްޖޭގެ ކޮންސްޓްރަކްޝަންގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 80 ފަރާތަކުން ބައިވެރިވެފައިވެފައިވެއެވެ. މިއީ މަސީން މި ސެމިނަރ ބޭއްވި ދެވަނަފަހަރެވެ.

ކޮންސްޓަރަކްޝަން ސިނާޢާތުގައި މަސައްކަތްކުރާ ހުރިހާ ކުންފުނިތަކަށް ޚާއްޞަކޮށްގެން ބޭއްވި މި ސެމިނަރގެ މައިގަނޑު ބޭނުމަކީ ކޮންސްޓްރަކްޝަން ސިނާޢަތަށް ދިމާވެފައި ދަތިތައް ނައްތާލައި، މި ސިނާޢަތުގެ ތެރޭގައި ޙައްލުކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި ސިނާޢަތުން ލިބޭ މަންފާ އިތުރުކުރުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބެލުމެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޢަތުގައި މަސައްކަތްކުރާ ޕްރައިވެޓް ގިނަ ކުންފުނިގެ ބޭފުޅުންނާއި ސަރުކާރުގެ ކަމާގުޅުން ހުރި ވުޒާރާތަކުގެ ބޭފުޅުން މި ސެމިނަރގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ސެމިނަރގައި ކޮންސްޓްރަކްޝަން ސިނާޢާތާ ގުޅުން ހުރި ތަފާތު 8 ކަރުދާސް ހުށަހަޅައި މަޝްވަރާކުރާ ކޮށްފައިވެއެވެ. އަދި ބައިވެރިންގެ ސުވާލަށް ޖަވާބުދެއްވުމަށް މި ސެމިނަރގައި މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު އަދި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެމިނަރ ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވީ ސެމިނަރ ވަރަށް ކާމިޔާބު ކަމަށާއި ސެމިނަރގެ ބައިވެރިން ހުށަހެޅި ކަންތައްތަކުގެ ރިޕޯޓެއް ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިރީސްދުވަހުގެ ތެރޭގައި އެ ރިޕޯޓު ސަރުކާރަށް ހުށަހަޅާނެ ކަމަށް ޖަނާޙް ވިދާޅުވިއެވެ.

މި ސެމިނަރ ފެށުމުގެ ރަސްމިއްޔާތުގައި މަސީން ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމަށް ހަތަރު ކުންފުންޏަކާއެކު އެއްބަސްވުންތަކަކަށް އައިސްފައިވެއެވެ. އެގޮތުން އެލައިޑް އިންޝުއަރެންސާއެކު މަސީން ވަނީ ކޮންސްޓަރަކްޝަން އިންޝުއަރެންސަށް ޑިސްކައުންޓް ލިބޭގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެސްޓީއޯއާއެކު، އެނުއަލް ސޭފްޓީ ޑޭ ފާހަގަކުރުމަށް ވަނީ އެއްބަސްވެފައެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޚާއްޞަ 13 އެޕިސޯޑްގެ ޓީވީ ޕްރޮގްރާމެއް ގެނެސްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާއެކު ވަނީ ސޮއިކޮށްފައެވެ. އަދި އުރީދޫ ސްމާޓް ސިޓީގައި ބައިވެރިވެ އުރީދޫއާއެކުވެސް އެއްބަސްވުމަކަށް އައިސްފައިވެއެވެ.