ކުޅިވަރު

ވިކްޓްރީއަށް އެނބުރި އައިސްވެސް އަމާޒަކީ ނިއު ފަހަތަށް ޖެއްސުން


އެނބުރި އައިސްވެސް އަމާޒަކީ ނިއުރޭޑިއަންޓް ފަހަތަށް ޖެއްސުންކަމަށް ވިކްޓްރީއާ މިއަދު ހަވާލުވި އަލީ ސުޒޭން ބުނެފިއެވެ.

ނިއުރޭޑިއަންޓާ ދުވަހަކުވެސް ހަވާލުނުވާނެކަމަށް ބުނެ، އެކްލަބާ އަބަދުވެސް ޗެލެންޖް ކުރަމުން އަންނަ ސުޒޭން ބުނީ އޭނާ 2012 ވަނަ އަހަރު ވިކްޓްރީ ދޫކޮށްލިއިރު ތަށީގެ ގޮތުންވެސް ކުރީގައި އޮންނާނީ ވިކްޓްރީކަމަށާއި، އެންމެ ބޮޑު އަދި ލީޑްގައި އޮތް ކްލަބަކީ ވިކްޓްރީކަމަށެވެ. ނަމަވެސް މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ތަށީގެ ގޮތުން ނިއުރޭޑިއަންޓް ކުރިއަރާފިކަން ފާހަގަކުރަމުން ސުޒޭން ބުނީ އެކަން ބަދަލުކޮށް އެނބުރި ވިކްޓްރީ ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރާނެކަމަށެވެ. 

" މިދިމާވި ކަންތައްތަކާއެކު އަޅުގަނޑު ވިކްޓްރީދޫކޮށްދިޔަ 5 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ނިއުރޭޑިއަންޓް 38 އަށް އަރާފަ މިއޮތީ ( ތަށި ). އެހެންވީމާ މިއަތުލުމަކީ ވިކްޓްރީ ކުރަންޖެހޭކަމެއް. މިމަސައްކަތް ކުރުމުގައި އަޅުގަނޑަށް ދެވޭނެ ހުރިހާ އެއްބާރުލުމަކާ އެހީތެރިކަމެއް ދޭން ތައްޔާރަށް ހުރިވާހަކަ ދަންނަވަން. " ސުޒޭން ބުންޏެވެ.

ނަމަވެސް ސުޒޭން ބުނީ މިއަހަރު ވިކްޓްރީއަށް ހާޞިލްވާނީ ކޮންކަމެއްތޯ ނުވަތަ ޓާގެޓަކީ ކޮބައިތޯ ބުނަން އިނގޭނީ ޓީމާއެކު ވަގުތުތަކެއް ހޭދަކުރެވިގެންކަމަށާއި، ޓީމްގައި ތިބި ދިވެހި ކީ ޕްލޭޔަރުންނާއި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ވިކްޓްރީގެ އަމާޒަށް ވާޞިލްނުވެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. 

ސުޒޭން ބުނީ ވިކްޓްރީން އޭނާއަށް އިތުބާރުކުރީތީ ޝުކުރު އަދާކުރާކަމަށާއި، އެއިތުބާރު ދަމަހައްޓަން އޭނާ ވަރަށްބޮޑަށް މަސައްކަތްކުރާނެކަމަށެވެ. މިއީ ވިކްޓްރީއާ ހަވާލުވާން އެންމެ ރަނގަޅު ވަގުތަށް ނުވެދާނެކަމަށާއި ނަމަވެސް މިއަހަރު ބެންޗުގައި އިނދެވުމަކީ އުފަލެއްކަމަށް ސުޒޭން ބުންޏެވެ.

" އެންމެ އަގުބޮޑު ސީޒަންގައި މަސައްކަތްކޮށްލަން ލިބުމަކީ ޝަރަފެއް، ފަޚުރެއް، ވަރަށްބޮޑު ހިތްހަމަޖެހުމެއް." ސުޒޭން ބުންޏެވެ.

އޭނާ ބުނީ މިވަގުތު ވިސްނަންވީ އެންމެ އަވަހަށް އޮތް ގްރީން ސްޓްރީޓް މެޗަށްކަމަށާއި، މެޗަކަށްފަހު މެޗެއް ކުރިއަށްދާންކަމަށެވެ. 

މިދިޔަ ދެ ސީޒަންގައި މާޒިޔާއަށް އިރުޝާދު ދިނުމަށްފަހު މިދިޔަ ސީޒަނަށްފަހު އޭނާ ކްލަބް ދޫކޮށްދިޔައީ މާޒިޔާގެ މެނޭޖްމަންޓާއި، ސުޒޭންވެސް ކަނޑައެޅި އަމާޒަށް ވާޞިލް ނުވެވުމުންނެވެ. މިދިޔަ ސީޒަނަށްފަހު މާޒިޔާގެ އެއްބަސްވުން ހަމަވި ސުޒޭން މާޒިޔާއާއެކު ކުރިއަށްނުދާނެކަން އިއުލާންކުރީ ސީޒަންގައި އެޓީމް ކުޅުނު ފަހު މެޗަށްފަހުއެވެ. ވަރުގަދަ ބޮޑު ސްކޮޑަކާއެކު މިދިޔަ އަހަރު މާޒިޔާ ދިވެހި ލީގާއި، ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ނަމަވެސް އެފްއޭކަޕާއި، ޕްރެޒިޑެންޓްކަޕްގެ ފައިނަލަކަށް ނުދެވުނެވެ. މާޒިޔާއިން މިދިޔަ އަހަރު އަމާޒު ހިފީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށެވެ.

ނަމަވެސް ސުޒޭން ވަނީ ވިކްޓްރީއާއެކު މީގެކުރިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި މާޒިޔާގެ ތާރީޚްގައިވެސް އެކްލަބްގެ އެންމެ ކާމިޔާބު ކޯޗަކީ ސުޒޭނެވެ.