ކުޅިވަރު

މައްސަލަ އަކީ ސުޒޭނަށް ޓީމެއް ނެތުން - ޝާޒްލީ


ވިކްޓްރީގެ ކޯޗުކަމުން ވަކިކުރިކަން އޭނާއަށް އަންގާފައިވެސް ނުވާކަމަށާއި، ހުރިހާވެސް މައްސަލައަކީ އަލީ ސުޒޭން ކޯޗުކޮށްދޭނެ ޓީމެއް ނެތުންކަމަށް މުޙައްމަދު ޝާޒްލީ ބުނެފިއެވެ.

ވިކްޓްރީގެ ކޯޗުކަމަށް އަލީ ސުޒޭން ހަމަޖެއްސިކަން އިއުލާންކޮށް ނިމުމާއެކު އެފްއޭއެމްގެ ހަމަ އެ ޕްރެސް ރޫމްގެ، އެގޮނޑީގެ އިނދެ ނޫސްވެރިންނަށް މައުލޫމާތުދެމުން ޝާޒްލީ ބުނީ ކޯޗުކަމުން ވަކިކުރިކަން އޭނާއަށް އިނގުނީވެސް ނިމުނު ޕްރެސް ކޮންފަރެންސުންކަމަށާއި، މިވަގުތާ ހަމައަށްވެސް ވަކިކުރިކަން އޭނާއަށް އަންގާފައި ނުވާކަމަށެވެ. ކޯޗުކަމުން ވަކިކުރާނަމަ އަމަލުކުރަންޖެހޭ އުޞޫލުތަކެއް އެއްބަސްވުމުގައި އެބަހުރިކަމަށާއި، އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އޭނާ ދުރުކުރުމަކީ ނަހަމަ ކަންތައްތަކެއް ހިމެނޭ ކަމެއްކަމަށް ޝާޒްލީ ތުހުމަތުކުރިއެވެ. 

ޝާޒްލީ ބުނީ ވިކްޓްރީއާ ހަވާލުވީވެސް ޝަރުތުތަކަކާއެކުކަމަށާއި، އެއީވެސް މެނޭޖްމަންޓް އޮތްގޮތުންނާއި، މިހާތަނަށް ކްލަބްތައް މަސައްކަތްކުރާގޮތުން ވަރަށްގިނަ ކަންކަމަށް އެއްބަސްވެގެން ނޫނީ ކާމިޔާބު ހޯދަން އުނދަގޫތަކެއް ހުންނާތީކަމަށް އިއްޔެވެސް ވިކްޓްރީ ގޮވައިގެން ޕްރެކްޓިސް ކުރި ޝާޒްލީ ބުންޏެވެ.

މިކަމުގެ އެއްވެސް މައުލޫމާތުއް ނޭންގޭކަން ފާހަގަކުރަމުން ޝާޒްލީ ބުނީ އިއްޔެ ޕްރެކްޓިސް ނިންމާލުމަށްފަހު މިއަދު ފްރެންޑްލީ މެޗެއް ކުޅެން އޮތުމުން އެމެޗަށްވެސް ވަރަށްބޮޑަށް ތައްޔާރުވަމުން އަންނަކަމަށެވެ. ޝާޒްލީ ބުނީ އަދި ހަމަ ނިއުސްކޮންފަރެންސެއް ބޭއްވިޔަސް ހަޤީޤަތުގައި ވިކްޓްރީގެ ހެޑްކޯޗަކަށް ސުޒޭން ހަމަޖެހިގެން ނުދާނެކަމަށެވެ. ސަބަބެއް ނެތި ހެޑްކޯޗު ދޫކޮށްލަންޔާ ހަދާނެގޮތްވެސް އެއްބަސްވުމުގައި އެބައޮތްކަމަށާއި، އެންގުމެއް ނެތި އަދި ބުނުމެއްވެސް ނެތި ވަކިކުރުމަކީ ޤަބޫލުކުރެވޭނެ އަދި ހަމަޖެހޭ ރަނގަޅު އުޞޫލެއް ނޫންކަމަށް ޝާޒްލީ ބުންޏެވެ.

ޝާޒްލީ ބުނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ޓާގެޓްތަކާއި، ޓާގެޓަށްވުރެ އިތުރު ކާމިޔާބީ ހޯދައިދެވިއްޖެނަމަ ބޯނަސް ދޭނެ އުޞޫލުވެސް ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް ސީޒަން ނުފަށަނީސް ނުވަތަ މެޗުތަކެއް ނުކުޅެނީސް ޓާގެޓަށް ވާޞިލްވާނެ ގޮތެއް ނޯންނާނެކަމަށް މިދިޔަ އަހަރު ބީޖީއަށް އިރުޝާދުދިން ކޯޗު ބުންޏެވެ. ކްލަބުން އެއްބަސްވި ބައެއް ކަންކަން ނުކުރާކަމަށްވެސް ޝާޒްލީ ބުންޏެވެ. އެގޮތުން ކޭމްޕެއް ދިއުމާއި، ޕްރެކްޓިސް ފަށާއިރު ބިދޭސީ ކުޅުންތެރިން ހަމަކުރުމާއި، މުސާރަ ދިނުން އޭނާ ފާހަގަކުރިއެވެ. އަދި ސުޒޭންވެސް ހުއްޓާ އޭނާއާ މަޤާމް ހަވާލުކުރީ އޭނާއަށްވެސް އިތުބާރެއް އޮތުމުންކަމަށް ޤަބޫލުކުރާކަމަށް ބީޖީ ރެލިގޭޓްވިއިރު ކޯޗަކަށް ހުރި ޝާޒްލީ ބުންޏެވެ.

މިގޮތަށް ކޯޗު ބަދަލުވުމުގައި އަލީ ސުޒޭނަށް ތުހުމަތުކުރަމުން ޝާޒްލީ ބުނީ ވިކްޓްރީގެ ބޯޑްގައިވެސް އޭނާގެ ބާރު އެބައޮތްކަމަށެވެ. ބެލެވޭގޮތުގައި ޝާޒްލީ އެއިޝާރާތްކުރަނީ ވިކްޓްރީގެ ބޯޑްގައި ސުޒޭންގެ އާއިލީ، އެއްބަނޑު އެއްބަފާ މީހުން ތިބުމަށެވެ. ޝާޒްލީ ބުނީ ކްލަބްގެ ޗެއަރމަންއަށްވުރެވެސް ސުޒޭންގެ ބާރު ބޯޑްގައި ގަދަވާނެކަމަށެވެ. އެހެންކަމުން މިއީ ސުޒޭން ކޯޗުކޮށްދޭނެ ޓީމެއް ހޯދައިދިނުމަށް ނިންމި ނިންމުމެއްކަމަށް ޝާޒްލީ ތުހުމަތުކުރެއެވެ.

" އަޅުގަނޑަށް ފާހަގަކުރެވެނީ އަލީ ސުޒޭނަށް ޓީމެއް ކޯޗުކޮށްދޭނެ ނުލިބުން، އެއީ މީގެ އެންމެ ބޮޑު އަޞްލެއްކަމުގައި. އެއީކީ އަޅުގަނޑުގެ މައްސަލައެއްނޫން. ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް ބޭފުޅެއްގެ މައްސަލައެއްނޫން ކަންނޭންގެ އެއީ. އަޅުގަނޑަށް ހީވަނީ އަލީ ސުޒޭންގެ މައްސަލައެއްހެން އެއީ " ވިކްޓްރީގެ ޕްރެސް ހަމަ ނިމުމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝާޒްލީ ބުންޏެވެ.

ނަމަވެސް މިވާހަކަތައް ސުޒޭން ދޮގުކުރެއެވެ. ސުޒޭން ބުނީ އިމޯޝަނަލް ވުމުން މިވަގުތު އެކަހަލަ ވާހަކަތައް ދެއްކިދާނެކަމަށާއި، ވިކްޓްރީގެ އެއްވެސް ކުޅުންތެރިއަކާވެސް އޭނާ ވާހަކަ ދައްކާފައިނުވާނެކަމަށެވެ.

"  ވިކްޓްރީގެ ކުޅުންތެރިން ކޮންޓްރޯލް ނުވުން އެއީދެން އަޅުގަނޑުގެ ކުށެއްނޫން. އެމޯޝަނަލް ވުމުން އެހެންވެސް ވެދާނެ " ސުޒޭން ބުންޏެވެ.

ޝާޒްލީ ބުނީ ޓީމްގެ އެއްވެސް ކުޅުންތެރިއަކާވެސް އޭނާއާ މައްސަލައެއް ނެތްކަމަށާއި، މިބަދަލާއެކުވެސް ކުޅުންތެރިން ސުޒޭނާއެކު ކުރިއަށްދިއުން އެދޭކަމަށެވެ. އަދި ސުޒޭނާއެކުވެސް މިހާރު އޮތް ވިކްޓްރީގެ ޓީމަށް ކާމިޔާބު ހޯދެނެކަމަށް ޤަބޫލުކުރާކަމަށާއި، ސުޒޭންގެ ފެންވަރާ މެދު އެއްވެސް އިރެއްގައި ޝައްކެއް ނުކުރާކަމަށެވެ.

ޝާޒްލީ ވަނީ މީޑިއާތަކުންވެސް މާބޮޑަށް ސުޒޭން ޕްރޮމޯޓްކޮށް، ސުޒޭނަކީ ކޮންމެހެން ވިކްޓްރީގެ ބެންޗްގައި އިންނަންޖެހޭ، ނޫނީ ބެންޗެއްގައި އިންނަންޖެހޭ މީހެއްކަމަށް ބުނެ ޕްރޮމޯޓްކުރާކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.