ކުޅިވަރު

ޝާޒްލީ ދުރުކުރީ އަމާޒަށް ވާޞިލް ނުވެވިދާނެކަމުގެ ބިރަށް- ވިކްޓްރީ


ވިކްޓްރީގެ ކޯޗުކަމުން މުޙައްމަދު ޝާޒްލީ ދުރުކުރީ ކްލަބްގެ އަމާޒަށް ވާޞިލް ނުވެވިދާނެކަމުގެ ބިރަށްކަމަށް އެކްލަބްގެ ޗެއަރޕަސަން އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.

ވިކްޓްރީގެ ކޯޗުކަމަށް އަލީ ސުޒޭން ހަމަޖައްސައި އޭނާއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނަޒީމް ވިދާޅުވީ ޓީމްގެ މިވަގުތު ހާލަތު އޮތްގޮތުން ކްލަބުން އެދޭ ނަތީޖާތައް ހާޞިލްނުވެދާނެކަމުގެ ބިރު މެނޭޖްމަންޓަށް އެބައޮތްކަމަށެވެ. ކުޅުންތެރިންގެ ތެރޭގަޔާއި، ކޯޗިންގ ޓީމްގެ ތެރޭގައިވެސް ބައެއް މައްސަލަތައް އެބަހުރިކަމަށާއި، ޕްރެކްޓިސްއާއި ޕްރެކްޓިސް މެޗުތަކުންވެސް ކްލަބުން އެދޭ ކުރިއެރުން ނުފެންނަކަމަށް ނަޒީމް ވިދާޅުވިއެވެ. ނަމަވެސް ޝާޒްލީ ވަކިކުރި ސީދާ ސަބަބެއް ވިދާޅުނުވެ، ނަޒީމް ވިދާޅުވީ ހުރިހާ ބޭފުޅުންނަށްވެސް އިހުތިރާމް ކުރުމުގެ ގޮތުން އެވާހަކަތައް ދައްކަވަން ބޭނުން ނުވާކަމަށެވެ. 

މިދިޔަ ދުވަސްތަކުގައި ޝާޒްލީގެ ފަރާތުން ކްލަބަށް ވަރަށްބޮޑު އެހީތެރިކަން ލިބުނުކަމަށާއި، އެކަންކަން ކްލަބުން ފާހަގަކޮށް ޝުކުރުއަދާކުރާކަމަށް ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ އަހަރުތަކަކަށްފަހު ކްލަބުން ވަރުގަދަ ސްކޮޑަކާއެކު ތައްޔާރުވާއިރު ސަޕޯޓަރުންނާއި މެނޭޖްމަންޓްގެ އުއްމިދުތައް މަތިކަމަށާއި، މިއީ އެއުއްމީދުތަކަށް ވާޞިލްވުމަށް އެޅި ފިޔަވަޅެއްކަމަށެވެ.

" ޓީމްގެ ހާލަތު އޮތްގޮތުން އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ ނަތީޖާތައް ހާޞިލްކުރުމުގައި ކޮންމެވެސްކަހަލަ، އެކަން ހާޞިލްނުވެދާނެކަމުގެ ބިރު މެނޭޖްމަންޓަށް އޮތުމާއެކީގަ އަދި ޓީމްގެ ކަންތައްތައް ދާގޮތުން އެންމެ ހިތްހަމަޖެހޭ ކަހަލަ ގޮތަކަށް ގެންދެވިފައި ނެތީމަ މެނޭޖްމަންޓުން ޑިސައިޑްކުރީ ކޯޗު ބަދަލުކުރަން " ސީޒަން ނުފެށެނީސް ކޯޗު ބަދަލުކުރި ސަބަބު ހާމަކުރައްވަމުން ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ ޝާޒްލީ ކޯޗަކަށް ހަމަޖެއްސިއިރު އަލީ ސުޒޭން ލިބެންވެސް ނެތްކަމަށާއި، އޭރު ސުޒޭން ހުރީ މާޒިޔާގެ ކޮންޓްރެކްޓްގައިކަމަށެވެ. ޝާޒްލީއަކީ އޭ ލައިސަންސް މޮޅު ކޯޗެއް ނަމަވެސް އޭނާގެ ތަޖުރިބާ މަދުކަންވެސް ނަޒީމް ފާހަގަކުރެއްވިއެވެ.