ވިޔަފާރި

ބިދޭސީ މަސައްކަތު މީހުން ގެނައުމަށް ފަޞޭހަ އިންތިޒާމްތަކެއް !


ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ބިދޭސީ މަސައްކަތު މީހުން ރާއްޖޭ ގެނައުމުގައި މިހާރު އަމަލުކުރައްވާ އުސޫލަށް ބަދަލުގެންނަވާ، ވީހާވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޚައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޚައްމަދު ސައީދު ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާއަށް ބިދޭސީ މަސައްކަތު މީހުން ގެނައުމުގައި މިހާރު އަމަލުކުރައްވާ އުސޫލު މުރާޖައާ ކުރައްވަމުންގެންދަވާކަމަށެވެ. މިގޮތުން މިހާރު ގެންގުޅުއްވާ އުސޫލުތައް ބަދަލުކުރައްވައި، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން އިތުބާރުކުރާ އުސޫލެއް ވަރަށް އަވަހައް ސަރުކާރުން އެކުލަވާލައްވާނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން މިއަދު މިސާލު ދައްކަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ސައީދު ވިދާޅުވީ، ސަރުކާރާ އެކުގައި ކުންފުނިތަކުން މަސައްކަތްކުރުމުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށެވެ.

އިމާރާތްކުރުމުގެ ދާއިރާއަކީ ޓޫރިޒަމް ސިނާއަތަށްފަހު ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ހަލުއިކަމާއިއެކު ކުރިއަރަމުން އަންނަ ދާއިރާއެވެ. ސަރުކާރުގެ ކަމާއިބެހޭ ދާއިރާތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު ދަށަށް ނުގޮސް ހިފެހެއްޓުމުގެ އެންމެބޮޑު ހިއްސާއެއް އޮތީ އިމާރާތްކުރުމުގެ ދާއިރާއަށް ލިބުނު ކުރިއެރުމުންނެވެ.