ސިއްހަތު

ހެލްތު މިނިސްޓްރީން މީސަލްސް ވެކްސިން ކެމްޕޭނެއް ފަށްޓަވަނީ


ދިވެހިރާއްޖެއަކީ، ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ކާމިޔާބު ކުރެއްވުމަށްޓަކައި ޚާއްޞަ ކެމްޕޭނެއް ފެށްޓެވުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމަވައިފިއެވެ.

ކެމްޕޭނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ ކޮންސަލްޓެންޓް ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމުގެ ލިޔުން ލިބުމަށް ޝަރުޠުތަކެއް ހުންނަ ކަމަށާއި، އޭގެތެރެއިން މިހާރު ކާމިޔާބު ނުވެ އޮތީ، އާބާދީގެ 93-95 އިންސައްތައަށް މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަނުވުން ކަމަށެވެ. އެހެންކަމުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެހަފްތާގެ މުއްދަތަކަށް ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާ ވެކްސިންދެއްވުމުގެ މި ކެމްޕޭނުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ޢުމުރުން 15 އަހަރާއި 25 އަހަރާ ދެމެދު ޢުމުރުފުރާގެ ހުރިހައި އެންމެންނަށް ވެކްސިން ދެއްވާނޭކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. ހަމަ އެހެންމެ 8 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 2 ޑޯޒް ހަމަނުވާ ކުއްޖަކު ހުރިތޯ ބައްލަވައި، އެކުއްޖަކަށްވެސް ވެކްސިން ދެއްވާނޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ޢަމާޒަކީ 15-25 ދެމެދު އުމުރުފުރާގެ މީހުންގެ ތެރެއިން މަދުވެގެން 95 އިންސައްތަ މީހުންނަށް ވެކްސިން ޖަހާ ނިންމާލުން. މިއާއެކުއެކީގައި ރާއްޖޭގެ ސަވައިލެންސް ޕްރޮގްރާމް ހަރުދަނާ ކުރެއްވުމުގެ މަސައްކަތްވެސް ކުރިޔަށްގެންދާނަން. މި ދެންނެވީ، ރާއްޖޭގެ އެއްވެސް ހިސާބެއްގައި މީސަލްސްއަށް ޝައްކު ކުރެވޭ މީހަކު ހުރިނަމަ، އެމީހަކު ދެނެގަނެ ޓެސްޓު ކުރުމުގެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައި.މިކަން ދެމެހެއްޓުމަކީވެސް އަޅުގަނޑުމެންގެ ޢަމާޒެއް." ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ ކޮންސަލްޓެންޓް ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14871475865664.jpg|މީސަލްސް ކެމްޕެއިނާ ގުޅޭގޮތުން އެޗް.ޕީ.އޭގެ ސީނިއަރ ކޮންސަލްޓެންޓް ޑރ .ފާޠިމަތު ނަޒްލާ ރަފީޤު މަޢުލޫމާތުދެއްވަނީ

15 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ ހުރިހާ އެންމެންވެސް މި ކެމްޕޭނުގެ ތެރެއިން، މީސަލްސް ވެކްސިން ލިބިގަތުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. މިކެމްޕޭންގެ ދަށުން ވެކްސިން ދިނުމަށް ޚާއްޞަ ސެންޓަރުތަކެއް ކަނޑައަޅުއްވާ ދެހަފްތާގެ ތެރޭގައި، އެއްވެސް އުނދަގުލެއް ނެތި މީސަލްސް ވެކްސިން ލިބޭނޭ އިންތިޒާމް ހެލްތު މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. 

މާލެއާއި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ސްކޫލްތަކާއި އަދި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ރިސޯޓްތަކުގައިވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިކެމްޕޭންގެ ހޮޓް ލައިން 7548221 އަށް ގުޅާލުމުން މިކެމްޕޭނާބެހޭ އެންމެހާ މައުލޫމާތު ލިބޭނެ އިންތިޒާމް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ.

ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ މީހަކު ނުފެންނަތާ ތިން އަހަރުވުން، އަދި ޤައުމުގެ އެއްވެސް ހިސާބެއްގައި ހިމަބިއްސަށް ޝައްކުކުރެވޭ ފަރާތެއް ވާނަމަ، ދެނެގަނެ ރިޕޯޓްކުރެވޭނޭ ނިޒާމެއް ޤާއިމްވެފައި ހުންނަންޖެހެއެވެ. 

ރާއްޖެއިން އެންމެ ފަހުން މީސަލްސް ޖެހިފައިވާ މީހަކު ފެނިފައިވަނީ 2002 ވަނަ އަހަރުއެވެ. ރާއްޖެއިން މިހާރު މީސަލްސް ޓެސްޓު ކުރެވެން ހުރީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް ރާއްޖޭގެ އެހެން ކަންކޮޅަކުން މީހަކު މީސަލްސްއަށް ޝައްކު ކުރެވޭނަމަ، އެމީހާ މާލެނުގެނެސް ސާމްޕްލް ފޮނުވައިގެން ޓެސްޓް ކުރެވޭނޭ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ.