ޚަބަރު

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި


ރިސޯޓެއް ތަރައްޤީކުރަމުން އަންނަ ބ.ހިރުނދު ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި "އަނގިރި - 15" ނަމަކަށްކިޔާ ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:00 ޖަހާއެހާއިރުކަމަށެވެ. އަނގިރި ޖޮއިންޓް ވެންޗާ ކުންފުނީގެ މި ކޮޅުވެއްޓި ފަރަށް އެރިއިރު އޭގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިިނުވާއިރު، މި ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތުގައި އުޅަނދު ވެރިފަރާތަށް އެހީތެރިވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ޙަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.