ކުޅިވަރު

ވިކްޓްރީގެ ކޯޗަކަށް ސުޒޭން ހަމަޖައްސައިފި


މުޙައްމަދު ޝާޒްލީއާއެކު ޕްރެކްޓިސްކުރަމުން އައި ވިކްޓްރީން އެކްލަބުގެ ކޯޗަކަށް ކުރީގެ ކޯޗު އަލީ ސުޒޭން ހަމަޖައްސައިފިއެވެ. ފާއިތުވި ދެ އަހަރު މާޒިޔާއަށް އިރުޝާދު ދިނުމަށްފަހު، ސީޒަން ނިމުމުން އެކްލަބްގައި މަޑުނުކުރަން ނިންމި ވިކްޓްރީގެ ކުރީގެ ކޯޗު ސުޒޭނާ ކްލަބް ހަވާލުކުރިކަން ވިކްޓްރީން ދާދި ދެންމެ ވަނީ އިއުލާންކޮށްފައެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އިއްޔެ ވިކްޓްރީން އެފްއޭއެމްއަށް ޓީމް ލިސްޓް ހުށައެޅީވެސް ކޯޗުގެ ނަން ނުޖަހައެވެ. އިއްޔެ ވިކްޓްރީން ހުށައެޅި ލިސްޓްގައި ޝާޒްލީގެ ނަން ނެތްކަމަށް މައުލޫމާތުލިބިފައިވެއެވެ.

ވިކްޓްރީއަށް ކުޅެ، ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ސުޒޭން ކުރިންވެސް ޕީއެސްއެމްއަށް މައުލޫމާތުދެމުން ބުނެފައިވަނީ އަދިވެސް ޓީމަކުން ފެނުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އޭރުވެސް ވިކްޓްރީން އޮތީ ޝާޒްލީ ކޯޗަކަށް ހަމަޖެއްސިކަން އިއުލާންކޮށްފައެވެ. ޔުނައިޓެޑް ވިކްޓްރީ ފިޔަވައި އެހެން ޓީމްތަކުން އޭރު ވަނީ ކޯޗުންވެސް އިއުލާންކޮށްފައެވެ.

ސުޒޭން އަލުން ވިކްޓްރީއާ ހަވާލުވިއިރު އެކްލަބް ވަނީ ވަރުގަދަކޮށްފައެވެ. އާދައިގެ ޓީމެއްގެ ގޮތުގައި އަހަރުތަކެއް އޮތުމަށްފަހު ކުރިއަަށް އޮތް ސީޒަނަށް އެކްލަބް ތައްޔާރުވަނީ ވަރުގަދަ ސްކޮޑަކާއެކު ސީދާ ތަށްޓަށް އަމާޒުކޮށްގެންނެވެ. ބިދޭސީ މޮޅު ހަތަރު ކުޅުންތެރިންގެ އިތުރުން ދިވެހި މޮޅު ކުޅުންތެރިންތަކެއް ކްލަބުން ވަނީ ގެންގޮސްފައެވެ. އޭގެތެރޭގައި މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ އަދި ހަސަން އަދުހަމް ހިމެނެއެވެ.