ޚަބަރު

ޢިމާރާތްކުރުމުގެ ދާއިރާއަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަނީ


ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން އެދާއިރާއަށް ޚާއްސަ ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް، ހައުސިންގ މިނިސްޓަރ ޑރ މުޚައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޢިމާރާތްކުރުމުގެ ދާއިރާއަށް ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން އިންތިޒާމްކޮށްގެން ހޮޓެލް ޖެންގައި ފެށި ސެމިނާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުޚައްމަދު މުޢިއްޒު ވިދާޅުވީ، ޢިމާރާތްކުރުމުގެ ދާއިރާ ކުރިއަރުވައި، އެދާއިރާ ތަރައްޤީކުރެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށެވެ. މިގޮތުން ޢިމާރާތްކުރުމުގެ ސިނާއަތަށް ޚާއްސަ ޤާނޫނެއް ވުޖޫދަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަވަމުން ގެންދަވާކަމަށެވެ. 

ކޮންސްޓްރަކްޝަން ބިލެއް މިހާރު ފަރުމާކޮށް ވަނީ ނިމިފައެވެ. ކޮންސްޓްރަކްޝަން ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާކަމަށް މިނިސްޓަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ކޮންސްޓްރަކްޝަން ބިލް ފަރުމާކޮށްފައިވަނީ ހުރިހާ ކުންފުނިތަކަކަށްވެސް މަސައްކަތްކުރުމުގެ މަގު ފަހިވާގޮތަށްކަމަށްވެސް މިނިސްޓަރ މުޢިއްޒު ފާހަގަކުރެއްވިއެވެ.

"ޓޫރިޒަމް ސެކްޓަރގަ މަސައްކަތްކުރާ ކުންފުނިތަކުން ކުރާ މަސައްކަތް އެގޮތުގައި އެއަށް އެއްވެސްކަހަލަ ލިމިޓްތަކެއް ނައިސް މިހާރު އެމަސައްކަތް ކުރާގޮތަށް އަދި އެއަށްވުރެވެސް ފުރިހަމަޔަށް މަސައްކަތްކުރުމަށް ކޮންސްޓްރަކްޝަން ބިލުން މަގުފަހިކޮށްދީފާނެ. އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސް ވަރަކަށް އޮޅުންތަކެއް އެރި ބައެއް ފަރާތްތަކަށް ކޮންސްޓްރަކްޝަން ބިލުގެ ސަބަބުން ޓޫރިޒަމް ސެކްޓަރގެ ކުންފުނިތަކަށް ދަތިތަކެއް ދިމާވާނެޔޭ. އެފަދަ އެއްވެސްކަމެއް އެބިލަކު ނޯންނާނެ" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14838870811176.jpg|މާލޭގައި ހަދަމުންދާ ޢިމާރާތެއް / ފައިލް ފޮޓޯ: ޕީއެސްއެމް

ކޮންސްޓްރަކްޝަން ދާއިރާއަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ޚާއްސަގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާގެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އެތަކެއް ގޮންޖެހުންތަކެއް ހުރިކަމަށެވެ.

ސަރުކާރުގެ މަޝްރޫޢުތައް ނަގައިގެން މަސައްކަތްކުރަމުންދިޔަ ކުންފުނިތަކަށް ވަކިން ޙާއްސަކޮށް ދަތިތަކާއި ކުރިމަތިލާންޖެހުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވަރަށްގިނަ މަޝްރޫޢުތަކެއް ފައިސާ ނުލިބުން ފަދަ މައްސަލަތަކާއި ގުޅިގެން ހުއްޓުނުކަމަށާއި، ނަމަވެސް ރައީސް ޔާމިން ކަނޑައެޅުއްވި ސިޔާސަތުތަކާއެކު އެ ހުރިހާކަމެއް ރަނގަޅުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޭރުގަ ހުއްޓިފައިހުރި ހުރިހާ މަޝްރޫއުތަކެއް ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ހަވާލުވެ ހުރި ކުންފުނިތަކަށް ކުރިއަށްދެވޭނެގޮތަށް މަޝްރޫއުތައް ބައްޓަންކުރެއްވެވި. ވަރަށްގިނަ ލުއިތަކެއް ދެވެމުންދިޔަ. އެހެންގޮތަކަށް ދަންނަވާނަމަ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ނިންމައިދީގެން ރެސްކިއު ޕެކޭޖެއް އެފަރާތްތަކަށް ދެވިގެންދިޔަ. އޭގެ ސަބަބުން ނެތެމުންދިޔަ ކުންފުނިތައް އަލުން މި ދާއިރާގައި ކުރިއަރައިގެން ދިޔަ. އަދި މިހާރު އެކުންފުނިތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި" މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިގެންދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން ކުންފުނިތަކުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން ކޮންސްޓްރަކްޝަން ދާއިރާއަކީ މިވަގުތު ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެންމެބޮޑަށް ކުރިއަރަމުން އަންނަ ދާއިރާކަން ފާހަގަކޮށްލެވެއެވެ.