ކުޅިވަރު

ކުރިން ނެރެވިފައިވާ ދަށް ނަތީޖާތައް ބަދަލުކޮށްލެވޭނެ- ވެންގަރ


އާރސެނަލްއަށް ބެޔާން މިއުނިކް ކައިރީ މީގެ ކުރިން ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނެތްނަމަވެސް އެކަން ބަދަލު ކުރެވިދާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގަރ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފަހު ސޯޅައިގައި މިރޭ އާސެނަލް ބެޔާން މިއުނިކާ ދެކޮޅަށް ނިކުންނާނީ ބެޔާންގެ ދަނޑުގައެވެ.

މި މެޗުގައި ދެ ޓީމާ އެއްވަރަށް ދެކޮޅުން ކުރިމަތިލާ ކޯޗުންނަކީވެސް ޔޫރަޕުގެ އެންމެ މަޤްބޫލް ކޯޗުންގެ ތެރޭގައި ހިމެނޭ ދެ ކޯޗުންނެވެ.

މިރޭގެ މެޗުގައި އާސެނަލް ބަލިވެއްޖެނަމަ އާސެން ވެންގަރއަށް ފާޑުކިޔާ އާސެނަލްގެ ސަޕޯޓަރުންނަށް، އެމީހުން ވެންގަރ ބޭރުކުރަން ބޭނުންވަނީ ކިއްވެއްގެންކަން ދައްކައިދިނުމަށް އިތުރު ހެއްކެއް ލިބިގެންދާނެއެވެ. އާސެނަލްގައި 20 އަހަރު ހޭދަކޮށްފައިވާ ކޯޗް މި ސީޒަނަށްފަހު އަސެނަލް ދޫކޮށްލާނެކަމަށް ދެކެވޭ ވާހަކަތަކުގެ އަޑުގަދަވެފައިވާއިރު ވެންގަރ ދަނީ އެވާހަކަތައް ދޮގުކުރަމުންނެވެ.

އާސެނަލްއަށް މި ސީޒަނުގައިވެސް އެއް ފެންވަރެއްގައި ނަތީޖާތަކެއް ނެރެވެމުންނުދާއިރު، މި ސީޒނުގައިވެސް އާސެނަލްއަށް ލީގު ލިބުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް އާސެނަލްއަށް އެންމެ ފަހުން ލީގު ލިބިފައިވަނީ 2004 ވަނަ އަހަރުއެވެ.

އަނެއްކޮޅުން ޖަރުމަން ލީގުގެ އެންމެ ފަހު ހަތަރު އަހަރުވެސް ތަށި ހޯދި ބެޔާން މިއުނިކަށް މި ސީޒަނުގައިވެސް ލީގު ތަށި ލިބޭނެކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ.

ފަސް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބެޔާން މިއުނިކް ވަނީ މީގެ ކުރިންވެސް ތިން ފަހަރު އާސެނަލް ޗެމްޕިއަންސް ލީގުން ބޭރުކޮށްލާފައެވެ.

އެއީ 2005، 2013 އަދި 2014 ވަނަ އަހަރުއެވެ.

2009-2010 ސީޒަނުގެ ފަހުން އާސެނަލްއަށް ޗެމްޕިއަންސް ލިގުގެ ފަހު ސޯޅަ ފަހަނައަޅާ ދެވިފައެއް ނުވެއެވެ.

މިރޭގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އާސެނަލްގެ ކޯޗް އާސެން ވެންގަރ ބުނެފައިވަނީ ބެޔާން އަތުން މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނެތްކަން ޤަބޫލްކުރާކަމަށާއި، އެކަމަކު އާސެނަލްއިން ހަމައެކަނި ފޯކަސް ކުރަންވީ ރަނގަޅު ކުޅުމެއް ދެއްކުމަށްކަމަށެވެ.

ބެޔާންއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިދާނެކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގަރ ގަބޫލްކުރެއެވެ.

ވެންގަރ ބުނެފައިވަނީ ބެޔާންއަކީ ވަރުގަދަ ޓީމެއްކަމަށާއި، ތަޖުރިބާކާރު ކުޅުންތެރިންތިބި، އޮފެންސިވް ފުޓްބޯޅައެއް ކުޅޭ ޓީމެއްކަމަށެވެ.

ވެންގަރ ބުނީ ބެޔާންއަކީ ފޭވަރިޓުންކަމުގައިވިޔަސް އެކަމަށް ސަމާލުކަން ނުދީ އާސެނަލްއިން މަސައްކަތްކުރާނީ އާސެނަލްގެ ގޭމް ކުޅެންކަމަށެވެ.

"އަހަރުމެން ވިސްނަންވީ އަހަރުމެން ކުރަންޖެހޭ ކަންތަކަށް. އަހަރުމެން ބޭނުންވަނީ ޕޮޒިޓިވްކޮށް މެޗަށް ނުކުމެ، މެޗުން މޮޅުވާން ކުރަންޖެހޭ މަސައްކަތެއް ކުރަން." ފްރާންސްގެ ކޯޗް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ބެޔާންއަށްވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައެވެ.

އެގޮތުން ފެރޭންކް ރިބެރީ، ޖެރޯމް ބޯޓެންގ އަދި ޒަބީ އަލޮންސޯއަށްވެސް މި މެޗުގައި ކުޅެވޭނެކަމަކަށް ނުބެލެވެއެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ބެޔާންގެ ކޯޗް ކާލޮ އެންޗެލޮއްޓީ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްޓަކާ ހިތްވަރާ، ރަނގަޅު ކުޅުންތެރިންނާއި، ތަޖުރިބާގެ އިތުރުން ނަސީބުގެ އެހީ ބޭނުންވާކަމަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ މުހިންމީ ހިތްވަރުކަމަށް ތަޖުރިބާކާރު ކޯޗް ގަބޫލްކުރެއެވެ.

އެންޗެލޮއްޓީ ބުނީ މި މުބާރާތް އާމުކޮށް ކާމިޔާބުކުރާނީ ނިކުންނަ ކޮންމެ ޓީމަކާ ދެކޮޅަށްވިޔަސް މޮޅު ކުޅުމެއް ދައްކާ ޓީމްކަމަށެވެ.

އާސެނަލްއާއި ބެޔާން ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:45 ގައެވެ.