ސިއްހަތު

ގުރައިދޫ މަރުކަޒުގެ މަރާމާތަށް މިދިޔަ އަހަރު 13 މިލިއަން ރުފިޔާ


ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތުކުރެއްވުމަށް މިދިޔަ އަހަރު 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ހެލްތު މިނިސްޓަރ ވިދާޅުވީ، އެމަރުކަޒުގެ މަސައްކަތްތައް ވަރަށް ގާތުން ސަރުކާރުން ބައްލަވަމުން ގެންދަވާ ކަމަށާއި، ވަކިން ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އެތަނުގެ ކަންކަން ކުރިޔަށް ގެންދަވާ ގޮތް ބައްލަވައި، އިރުޝާދު ދެއްވައި އަދި ފަންޑް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މި ސަރުކާރު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު މަރުކަޒު އޮތީ ވަރަށް ދަށް ފެންވަރެއްގައިކަން ފާހަގަކުރައްވައި، މިދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން، މަރުކަޒުގެ ޙާލަތު ވަރަށް ރަނގަޅުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14589755778457.jpg|ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒު- ފައިލް ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ މިއަދު ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، މަރުކަޒުގައި ތިބި މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު ބެއްލެވިއެވެ. އަދި އެމީހުންގެ ޒަރޫރީ ބޭނުންތަކާއި ބޭސްފަރުވާގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލެއްވިއެވެ. 

ދައުލަތުގެ ބެލެހެއްޓެވުމުގެ ދަށުގައި އެމަރުކަޒުގައި މިހާރު 180 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ބަލަހައްޓާނެ މީހަކު ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންނާއި ނަފްސާނީ އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން ހިމެނެއެވެ.