ކުޅިވަރު

ބާސެލޯނާ ރަނގަޅަށްވެސް ސިއްސުވާލައިފި


ޗެމްޕިއަންސްލީގު ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ބާސެލޯނާ ސިއްސުވާލައިފިއެވެ. ގަދަ ސޯޅަ ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި އެޓީމުން ވަނީ ބާސާ ކޮޅަށް ހަތަރު ލަނޑު ޖަހާފައެވެ. 

ހަތަރެއް ސުމަކުން މެޗު ކާމިޔާބުކުރުމުގައި އެންމެ މުޙިއްމު ދައުރެއް އަދާކުރީ ކުރިން ރިއަލްމެޑްރިޑަށް ކުޅެ ބާސާއަށް އެތައް ނުރައްކާތަކެއް ކުރި ޑިމާރިއާއެވެ. މެޗުގައި އޭނާ ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ ކަވާނީއާއި، ޑްރެޒްލަރއެވެ. 

ބާސާގެ މެސީއާއި، ސުއަރޭޒް އަދި ނޭމަރ އެކުވެގެންވެސް ޕީއެސްޖީގެ ގޯލަށް ރަނގަޅު ބޯޅައެއް ފޮނުވާލެވުނީވެސް މެޗުގެ ފަހު ހަތް މިނިޓްއެވެ. މިނަތީޖާގެ ސަބަބުން ކްއާޓަރ ފައިނަލުން ޖާގަ ހޯދުމަކީ ބާސާއަށް ނުހަނު އުނދަގޫކަމެކެވެ. މާރޗް އަށްވަނަ ދުވަހު ކުޅޭ ދެވަނަ ލެގުގައި ބާސާއިން ފަސް ލަނޑު ޖަހަން ޖެހޭނެއެވެ. ޗެމްޕިއަންސްލީގުގެ ތާރީޚުގައި އެއްވެސް ޓީމަކަށް ފުރަތަމަ ލެގު ހަތަރު ލަނޑުން ފަހަތުގައި އޮވެ، އަނެއް ބުރަށް ދެވިފައެއްނުވެއެވެ. ނަމަވެސް ބާސާގެ ކޯޗު ލުއި އެންރީކޭ ބުނީ އެއީ ނުވާނެކަމެއް ކަމަށް ޤަބޫލުނުކުރާކަމަށާއި، އެކަން ވާވަރުގެ ޓީމެއް އެބައޮތްކަމަށެވެ. އަދި އެކަން ވާނެކަމަށެވެ. 

" އަހަރެން އުއްމީދު ގެއްލުވައެއް ނުލަން. ފެކްޓަށް ބަލާއިރު އާ ފެށުމަކުން ފަށާ ކުރި ހޯދޭވަރުގެ ޓީމެއް އެބައޮތް. އަހަރެމެން ހަތަރު ލަނޑު ޖަހަން ޖެހޭ. ކުރި ހޯދަން ފަސް ލަނޑު ޖަހަން ޖެހޭ. އަހަރެން ޤަބޫލުކުރަނީ އެކަން ވާނެކަމަށް." މެޗަށްފަހު ބާސާގެ ކޯޗު ބުންޏެވެ.

ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ބުނީ ދިގު ނުވަދިހަ މިނިޓް އަދިވެސް އެބައޮތްކަމަށާއި، ހިތްހަމަ ޖެހިގެން ތިބެ އަދި ފަރުވާތެރިވެސް ވާންޖެހޭކަމަށެވެ.

" އަދިވެސް 90 މިނިޓް އެބައޮތް. އަހަރެމެންނަށް އިނގޭ އެއީ ދިގު 90 މިނިޓްކަން. އަހަރެން ބުނަން އޮތީ ފަރުވާތެރިވާން ޖެހެއޭ. ހިތްހަމަޖެހިގެން ތިބެ ފަރުވާތެރިވާންޖެހެއޭ. ބާސާއަށް އިހުތިރާމްކުރަން ޖެހެއޭ. ޕީއެސްޖީގެ ކޯޗު މެޗަށް ފަހު ބުންޏެވެ.