ޚަބަރު

ޖިނާޢީ އިޖްރާޢަތުގެ ޤާނޫނަށް އަހުލުވެރި ކުރެއްވުމަށް ވޯކްޝޮޕެއް


އަލަށް ޢަމަލުކުރައްވަން ފަށްޓަވާ ޖިނާޢީ އިޖްރާޢަތުގެ ޤާނޫނަށް ކަމާބެހޭ މުއައްސަސާތަކުގެ މުވައްޒަފުން އަހުލުވެރި ކުރެއްވުމަށް ބަންޑާރަނައިބުގެ އޮފީހުން ކުރިއަށްގެންދެވި މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ބުރު ނިންމަވާލައްވައިފިއެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވެވިމި ވާކްޝޮޕްގެ ފުރަތަމަ ބުރު ކުރިއަށްގެންދެވީ މޯލްޑިވްސް ޕޮލިސް ސަރވިސާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ މުވައްޒަފުންނަށެވެ. ވާރކްޝޮޕް ފުރަތަމަ ބުރު ނިންމެވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވޯކްޝޮޕް ފުރިހަމަކުރެއްވި ބައިވެރިންނަށް ސެޓްފިކެޓްދެއްވީ ޔޫ.އެން.އެފް.ޕީ.އޭގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާއެވެ. މިވޯކްޝޮޕްގައި ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލްއާއި ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިސާމް، ސެޝަންތައް ނަންގަވައި ދެއްވާފައިވެއެވެ.

ޖިނާޢީ މައްސަލަތަކުގައި މިހާރު ޢަމަލުކުރަމުންދާ ގޮތާއި، ޖިނާއީ އިޖްރާއަތުގެ ޤާނޫނު ވުޖޫދަށް އައުމަށްފަހުން އަންނާނެ ބަދަލުތަކާބެހޭ މަޢުލޫމާތު މި ވޯކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ. މި މަސައްކަތު ބައްދަލުވުމުގެ ދެވަނަ ބުރު މާދަމާ ފަށާނެއެވެ. މި ބުރުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަމާބެހޭ މުއައްޒަފުންނަށެވެ. ޖިނާއީ އިޖްރާއަތުގެ ޤާނޫނަށް ޢަމަލުކުރައްވަން ފެއްޓެވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ.