ޚަބަރު

ބީއެމްއެލްއިން ކެއަރ ސޮސައިޓީއަށް 150000 ރުފިޔާ ހަދިޔާކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން ކެއަރ ސޮސައިޓީއަށް ސަތޭކަ ފަންސާސްހާސް ރުފިޔާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ކެއަރ ސޮސައިޓީއަށް ފައިސާގެ މި އެހީ ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި ކެއަރ ސޮސައިޓީގަ ބޭއްވި ރަސްމިއްޔާތެއްގައެވެ. ކެއަރ ސޮސައިޓީއަށް ސަތޭކަ ފަންސާސްހާސް ރުފިޔާ ރަސްމީކޮށް ހަދިޔާކުރެއްވީ، ބިއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ. ކެއާ ސޮސައިޓީގެ ފަރާތުން އެ އެހީއާ ހަވާލުވީ، ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރ ނައުޝާން މުހައިމިންއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖަރ ޕަބްލިކް ރިލޭޝަން މުހައްމަދު ސަޢީދު ވިދާޅުވީ މިއީ ބީއެމްއެލްއިން ކުރިއަށްގެންދާ އަހަރެންގެ ބޭންކް، ކެމްޕެއިންގެ ދަށުން ކެއަރ ސޮސައިޓީއަށް ހަދިޔާކުރި އެހީއެއްކަމަށެވެ.

ބީއެމްއެލްއިން ހަދިޔާކުރި ފައިސާގެ އެހީގެ ސަބަބުން ކެއަރ ޑިވެލޮޕްމަންޓުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްތައް ފުޅާކުރުމަށް މަގުފަހިވެގެންދާނޭކަމަށް ސަޢީދު ވިދާޅުވިއެވެ.

ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރ ނައުޝާން މުހައިމިން ބުނީ، ބީއެމްއެލްއިން ހަދިޔާކުރި ފައިސާ ބޭނުންކުރާނީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި، މީހުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށްކަމަށެވެ. މި އެހީގެ ސަބަބުން ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުން ހިންގާ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކޮށް، ކުދިންނަށް ބޭނުންވާ ތަކެތި ހޯދުމަށް ވަރަށްބޮޑުއެހީއަކަށް ވެގެންދާނެކަމަށް ނައުޝާން ވިދާޅުވިއެވެ.

ކެއަރސޮސައިޓީގެ ކެއަރ ޑިވެލޮޕްމެންޓް ސެންޓަރުން ގެންދަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް، ތަޢުލީމީ އަދި އެކިކަހަލަ ރިހިބިލިޓޭޝަން ކުލާސްތައް ހިންގަމުންނެވެ. ހަ އަހަރުން ދަށުގެ ކުދިންނަށް ޚާއްސަ އިންޓަވެންޝަން ޕްރޮގްރާމްތަކެއް މިހާރު ކުރިއަށްގެންދާއިރު، އުމުރުން ތޭރަ އަހަރާއި ތިރީސް އަހަރާއި ދެމެދުގެ މީހުނަށް ޚާއްސަކޮށްގެން ވޮކޭޝަނަލް ޕްރޮގްރާމެއް މިހާރުވެސް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ.

ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންނާއި މީހުންގެ ޖުމްލަ އަދަދު ފަނަރައަށް އަރައެވެ.