ޚަބަރު

ސޫރިޔާއަށް އެހީވާ ކެމްޕެއިނާމިފްކޯ ގުޅިއްޖެ


ސޫރިޔާގެ ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވެދިނުމަށް ރާއްޖޭގެ ޖަމްޢިއްޔާތަކެއް ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނާ މިފްކޯ ގުޅިއްޖެއެވެ.

މި ކެމްޕެއިނާ ގުޅުމަށްފަހު މިފްކޯއިން ވަނީ ސޫރިޔާއަށް އެހީވުމަށްޓަކައި މަސްދަޅު ކޭސް ހަދިޔާކޮށް، އެ ފުރުޞަތު ޢާންމުންނަށްވެސް ހުޅުވާލާފައެވެ.

ސޫރިޔާއަށް އެހީ ފޮނުވުމަށްޓަކައި ރާއްޖޭގެ ޖަމްޢިއްޔާތަކެއް ގުޅިގެން ކުރިއަށް ގެންދާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި މިފްކޯއިން ގުޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިފްކޯގެ ސީއީއޯ ޢަދުލީ އިސްމާޢީލެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ސޫރިޔާއަށް އެހީ ދިނުމަށްޓަކައި މަސްދަޅުކޭސްތަކެއް ހަދިޔާކޮށްދެއްވާފައިވެއެވެ.

އަދި ކަސްޓަމަރުންނަށްވެސް މަސްދަޅު ހަދިޔާކުރެވޭ ގޮތަށް މިފްކޯއިން ވަނީ "މަގޭ ހަދިޔާގެ ނަމުގައި" ކެމްޕެއިނެއްވެސް ފަށާފައެވެ. މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިފްކޯގެ ސީއީއޯ ޢަދުލީ އިސްމާޢީލް ވަނީ މަސްދަޅު ކޭހެއް ބައްލަވައިގަންނަވައި ހަދިޔާކުރައްވާފައެވެ.

މި މަހުގެ 28 ގެ ނިޔަލަށް މިފްކޯއިން ކުރިއަށް ގެންދަވާ " މަގޭ ހަދިޔާ" ކެމްޕެއިނުގައި 15 ޕަސެންޓުގެ ޑިސްކައުންޓެއްގައި މިފްކޯގެ ތެޔޮ މަސްކޭސް ލިބޭނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

އަދި ޢާންމު ފަރުދުންނާއި ކުންފުނިތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް މި ކެމްޕެއިނުގައި ބައިވެރިވެ، މަސްކޭސް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި ހުޅުމާލޭގެ މިފްކޯ މަސްފިހާރައާއި އެސްޓީއޯގެ ފިހާރަތަކުންވެސް މަސްދަޅު ހަދިޔާކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ މެމްބަރެއްކަމަށްވާ އާދަމް ނާއިފް ވިދާޅުވީ އެހީހޯދުމުގެ ޙަރަކާތަށް ދިވެހިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ. މި ގޮތުން މި ހަފްތާގައިވެސް ރާއްޖޭގެ ތިންރަށަކުން ތިންސަތޭކަ ފަސް ފޮށިގަނޑުގެ އެހީގެ ތަކެތި ލިބިފައިވާކަމަށް ނާއިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓާރގެޓަކީ 3 ކޮންޓެއިނަރު ފުރާލުން. އެކަމަކު އަޅުގަނޑުމެންނަށް މިހާރު މިދާގޮތުން ވެއްޖެއްޔާ ތިން ކޮންޓެއިނަރަށްވުރެވެސް އިތުރަށް ބަރުކުރެވޭނެ ކަމަށް އަޅުގަނޑުމެން ލަފާމިކުރަނީ. ދެން ދިވެހިންގެ ސަޕޯޓް މިކަހަލަ ކޮންމެ ކަމެއްގައިވެސް ލިބޭ. ދިވެހިންނަކީ ވަރަށް ސާބިތުކަން ދައްކާއެހީތެރިވުމުގެ ގޮތުން އަތުކުރި އޮޅާލާ ބަޔަކަށްވާތީ އަޅުގަނޑުމެންގެ މި މަސައްކަތުގައި ﷲ ގެ އިރާދަފުޅުން ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުން މިދަނީ." ނާއިފް ވިދާޅުވިއެވެ.

ސޫރިޔާގެ ރައްޔިތުންނަށް އެހީ ހޯދުމަށްޓަކައި އެކި ޖަމްޢިއްޔާތަކުން އެހީ ހޯދުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެއެވެ. އަދި އެހީ ޖަމާކުރުމުގެ ގޮތުން މާލޭގައި ކަލެކްޓިންގ ޕޮއިންޓެއް ޤާއިމްކޮށްފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް މި ޙަރަކާތްތައް ކުރިއަށްދެއެވެ.

މި ކެމްޕެއިނުގެ ދަށުން ސޫރިޔާއަށް އެހީތައް ފޮނުވަން ނިންމާފައިވަނީ ތުރުކީގެ ޖަމްޢިއްޔާއެއް ކަމަށްވާ "އީހާހާ" މެދުވެރިކޮށްކަމަށާއި މިކަމަށް ވާންޖެހޭ އެއްބަސްވުންތަކުގައި ދެ ފަރާތުން ސޮއިކޮށްފައިވާކަމަށް މި ޙަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވެދިނުމަށް ކުރިއަށް ގެންދާ ޙަރަކާތެކެވެ.

އެގޮތުން ރޮހިންޔާ، ފަލަސްޠީނުގެ ޣައްޒާ އަދި ޔަމަނުގައި ތިބި މުސްލިމުންނަށް މިކެމްޕެއިނުގެ ދަށުން އެހީވެދިނުމަށް ނިންމާފައިވާކަމަށް މި ޖަމްޢިއްޔާތަކުން ބުނެއެވެ.