ކުޅިވަރު

އެއްވެސް ޓީމެއްގައި އަޝްފާޤުގެ ނަމެއް ނެތް


ޤައުމީ ކެޕްޓަން އަލީ އަޝްފާޤް މިސީޒަން ފަށާއިރު ރާއްޖޭގެ ކްލަބަކުން ނުފެންނާނެކަން ކަށަވަރުވެއްޖެއެވެ. 

މިސީޒަންގައި ނިއުރޭޑިއަންޓުން ފެނުމުގެ ފުރުޞަތު ބޮޑުވި ނަމަވެސް ފަހުން އޭނާ ނިއުއަށް ސޮއިނުކުރީ އަނިޔާއިން މުޅިން ރަނގަޅު ނުވާތީކަމަށް އޭރު އެކުލަބުން ބުންޏެވެ. އަދި ރާއްޖޭގައި ކުޅޭނެމަ ފެނުމުގެ ފުރުޞަތު ބޮޑީ ނިއުއިންކަމަށްވެސް އަޝްފާޤާއި ހަވާލާދީ އޭރު އެކުލަބުން ބުނެފައިވެއެވެ. އަޝްފާޤް މިސީޒަންގައިވެސް ކުޅޭނީ ރާއްޖެއިން ބޭރުގެ ކްލަބަކަށް ކަމަށްވެސް އޭރު އަޑުތައް ފެތުރުނެވެ.

 މިވަގުތު މާލޭގައި ހުރި އަޝްފާޤްގެ އެހީއަށް ފަހުން ވިކްޓްރީންވެސް އެދުނު ކަމަށް މައުލޫމާތުލިބިފައިވެއެވެ. ނަމަވެސް އިއްޔެ ޓީމްތަކުގެ ލިސްޓް އެފްއޭއެމްއަށް ހުށައެޅިއިރު އެއްވެސް ޓީމެއްގައި އަޝްފާޤުގެ ނަން ހިމަނާފައެއް ނުވެއެވެ. އެހެންކަމުން ދެން އަޝްފާޤް ރާއްޖޭގެ ކްލަބަކުން ފެނުމުގެ ފުރުޞަތު އޮތީ މިދިޔަ އަހަރެކޭ އެއްގޮތަށް މިޑްޓާމް ޓްރާންސްފަރއަށްފަހުއެވެ. 

އަޝްފާޤު މިއަދު ބުނީ ކުޅުމާމެދު ވިސްނެން އޮތީ އަނިޔާއިން ރަނގަޅުވެގެންކަމަށެވެ.

" ދެން ޔަޤީނުންވެސް މިކޮޅުގައި ( މާލޭގައި ) ނުކުޅެވޭނެ. އިންޖަރީން ރަނގަޅުވެގެން ކުޅެވެން އޮތީ. ދެން އަދި ނޭންގެ ކުޅޭނެ ޓީމެއް " އިއްޔެ ރާއްޖޭގެ ޓީމްތަކުން ލިސްޓް ހުށައަޅަފައިވތީ އެކަމަށް އިޝާރާތްކުރަމުން އަޝްފާޤު ބުންޏެވެ.

ލިސްޓް ހުށައެޅިއިރު ނިއުރޭޑިއަންޓުން ގެނައި ބިދޭސީ ފަސް ކުޅުންތެރިންގެ ތެރެއިން ޤާނާއަށް އުފަން އިނގިރޭސި ވިލާތުގެ ޑެނިއަލް ޕަޕޯ ހިމަނާފައެއްނުވެއެވެ. އޭނާގެ ބަދަލުގައި ހިމަނާފައިވަނީ ފަހުން މޮންޓެނީގްރޯއިން ގެނައި ޑިފެންޑަރ ސްޓެފަން މާކޮވިޗްއެވެ.