ޚަބަރު

މާލެ ސަރަޙައްދުގެ ކުނި ކަލެކްޓްކުރުމުގެ ފުރުޞަތު ހުޅުވާލަނީ


މާލޭ ސަރަޙައްދުގެ ޒޯން ދޭއްގެ ކުނި ކަލެކްޓްކުރުމަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ކުރިޔަށް އޮތް ދެހަފްތާތެރޭގައި ހުޅުވާލާނެކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން ހާމަކޮށްފިއެވެ. 

ވެމްކޯއިން މިކަން ހާމަކުރީ މާލޭގެ ކުނި ކަލެކްޓްކުރުމަށް ބޭނުންކުރާ ވެހިކަލް ޢާއްމުކޮށް ދައްކާލުމަށް މިއަދު ހަވީރު އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މާލެސަރަޙައްދުގެ ކުނި ކަލެކްޓް ކުރުމަށް ބޭނުންވާ 30 ވެހިކަލް މިއަދު ޢާއްމުކޮށް ވަނީ ދައްކާލާފައެވެ. މިވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 10 ކޮމްޕެކްޓަރ ޓްރެކާއި 20 ޓަރއިސައިކަލެވެ. ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން މިވެހިކަލްތައް ޢާއްމުކޮށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނާރޖީ ތާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކަމާގުޅުންހުރި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ މާލޭގެ ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރާ މަސައްކަތުން ލިބެމުން އަންނަ ކުރިއެރުން ފާހަގަކުރައްވާފައެވެ.

"މާލޭގެ ކުނި އުކަލާނެތަނެއްހެދި މިހާރު ގެނަދަނީ އެތަނަށް ކުނި އަޅަމުން އެއާއިއެކު ދެން އޮތް ކަމަކީ މާލޭގެ ކުނި ރައްކާތެރިގޮތުގައި އުކާލުމަށް ކުރަންޖެހޭ މަސައްކަތް، އެމަސައްކަތް މިހާރުމިވަނީ ފެށިގެން އެގޮތުން ޓްރައިސައިކަލްތަކުގައި ކުނި އުފުއްލަންފެށުމުން ކުނި ބިއްމައްޗަށް އެޅުންފަދަ ކަންކަން ނުވާނެ" މިނިިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14870010582498.jpg|މާލޭގެ ކުނި ކަލެކްޓްކުރުމަށް ބޭނުންކުރާ ވެހިކަލް ޢާއްމުކޮށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅުދައްކަވަނީ

މިނިސްޓަރ ތާރިޤް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި މާލޭގެ ކުނިމެނޭޖްކުރުމުގެ މަސައްކަތައް ޙައްލެއް ނުލިބި އޮތުމަށްފަހު ވެމްކޯއިން ފެށްޓެވި މަސައްކަތުން ހެޔޮބަދަލުތަކެއް ފެނިގެން އަންނަކަމަށެވެ. މިރަސްމިއްޔާތުގައި ވެމްކޯގެ ޗެއަރމަން ޢަލީ ޚާލިދު ވިދާޅުވީ ވެމްކޯއިން މިއަދު މިގެނައި ވެހިކަލްތަކުން ކުނި ކަލެކްޓްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

"މިމަހުގެ ތެރޭގައި ޒޯން 2 ރަޖިސްޓްރީ ކުރުމުގެ މަސައްކަތްފަށާނެ ، އަދި ވަރަންއަވަހަށް އިތުރު ޒޯންތަކުގަ ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް ފަށާނެ" ޚާލިދޔ ވިދާޅުވިއެވެ.   

ޢަލީ ޚާލިދު ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި ކަލެކްޓްކުރާނެ ވެހިކަލްތަކެއްގެނެސް، ކުނި ކަލެކްޓްކުރަން ފެށިކަމަކުގައިވިޔަސް މާލެ ސާފު ތަނެއްގެ ގޮތުގައި ބޭއްވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމަށެވެ. މިއަދު ދައްކާލެވުނު ވެހިކަލްތަކުގެ ތެރެއިން 20 ޓަރައިސައިކަލްއަކީ ތިމާވެއްޓާ ރައްޓެހި ބެޓެރީ ޓްރައި ސައިކަލްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ކުނިމެނޭޖްކުރުމުގެ މަސައްކަތް ރަސްމީގޮތުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއިން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހުއެވެ.