ސިއްހަތު

ގްލޯބަލް ހެލްތު ޑިޕްލޮމަސީ ޓްރެއިނިންގް ފަށައިފި


ރާއްޖެއިން ބައިވެރިވާ ޞިއްޙީ ދާއިރާގެ ބައިނަލްއަޤްވާމީ އެކި ފޯރަމްތަކަށް ފޮނުއްވާ މުވައްޒަފުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ. 

މިނިސްޓްރީ އޮފް ހެލްތާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން ޑަބްލިއު.އެޗް.އޯ ގުޅިވަޑައިގެން، "ގްލޯބަލް ހެލްތު ޑިޕްލޮމަސީ ޓްރެއިނިންގް"ގެ ނަމުގައި މިއަދު ފެށްޓެވި މަސައްކަތު ބައްދަލުވުމުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ އެކި އިދާރާތައް ހިމެނޭ ގޮތަށް ޖުމްލަ 35 މުވައްޒަފުން ބައިވެރިއެވެ.

ޕެރެޑައިސް އައިލޭންޑް ރިސޯޓްގައި ކުރިޔަށްގެންދަވާ މި ބައްދައްލުވުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދު ﷲ ނާޡިމް އިބްރާހީމެވެ. ބައްދަލުވުން ފެށްޓެވުމުގެ ގޮތުން އެމަނިކުފާނު ދެއްވި އިފްތިތާޙީ ބަޔާނުގައި ވިދާޅުވީ، ރާއްޖެއަކީ ޞިއްޙީ ދާއިރާގެ ބައިނަލްއަޤްވާމީ ގިނަ ފޯރަމްތަކުގައި ބައިވެރިވާ ޤައުމެއް ކަމުން، މިކަމުގައި ޝާމިލުވާ ހުރިހާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބޭނޭ މަގު ތަނަވަސް ކޮށްދެއްވުމަކީ، ވަރަށް އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މުވައްޒަފުން ތަމްރީން ކުރެވިއްޖެނަމަ، މިފަދަ ފޯރަމްތަކުން ނެރެވޭ ނަތީޖާ ރަގަޅުވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހެލްތުގެ ވަރަށް ގިނަ ކަންކަމަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ފޯރަމްތަކުގައި އަޅުގަނޑުމެންވެސް ތަމްސީލް ކުރަންޖެހޭ. އަދި އަޅުގަނޑުމެން ތަމްސީލްކުރާ ގޮތެއްގެ މަތިން އަޅުގަނޑުމެންގެ ކަންކަން އެންމެ ފުރިހަމައަށް ބައްޓަންވެގެން ނުދާނޭ ކަންތައްތައްތަކެއް. ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަކީ، މިކަމަށް ފަރިތަ، މިކަމުގެ އެންމެހައި މަޢުލޫމާތު ރަނގަޅަށް އޮޅުން ފިލާފަ ތިބި، މިކަން އެންމެ ރަނގަޅުގޮތުގައި ކުރަން އިނގޭ ބަޔަކަށް ވުމަކީ މުހިންމު ކަމެއް." މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވިއެވެ.

ގްލޯބަލް ހެލްތު ޑިޕްލޮމަސީ ޓްރެއިނިންގެ މައިގަނޑު ޢަމާޒަކީ، ދިވެހި ރާއްޖެއިން ބައިވެރިވާ ޞިއްޙީ ދާއިރާގެ ބައިނަލްއަޤްވާމީ ބައްދަލުވުންތަކާއި، ސެމިނަރ، ވާރކްޝޮޕް އަދި ފޯރަމްތަކުގައި ބައިވެރިވި ޞިއްޙީ ދާއިރާގެ މުވައްޒަފުން ތަމްރީން ކުރުމެވެ. އަދި މިފަދަ ބައްދަލުވުންތަކުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހަޅާ ހުށަހެޅުންތަކުގެ ފެންވަރު ރަނގަޅުކުރުމާއެކު، ބައްދަލުވުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމުގެ ހުނަރުތައް މުވައްޒަފުންނަށް ދަސްކޮށްދިނުމަށް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުންވެސް ބައިނަލްއަޤްވާމީ ސެމިނަރ، ވާރކްޝޮޕް އަދި ފޯރަމްތަކުގައި ބައިވެރިވާ ޞިއްޙީ ދާއިރާގެ ވަފުދުތައް މަޝްވަރާތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މަޝްވަރާތައް ކުރިޔަށް ގެންދާނޭ ގޮތްތައް ދަސްކޮށްދެއްވުމަކީވެސް މި މަސައްކަތު ބައްދަލުވުމުގެ ޢަމާޒެއްްކަމުގައި ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ޑަބްލިއު.އެޗް.އޯގެ ފަންނީ އެހީތެރިކަމާއެކު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދަވާ މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވަނީ ތައިލޭންޑްގެ ހެލްތު މިނިސްޓްރީގެ ކަމާގުޅޭ މާހިރުންނެވެ. މަސައްކަތު ބައްދަލުވުން ފެއްޓެވުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން، ރާއްޖޭގައި ހުންނަވާ ޑަބްލިއު.އެޗް.އޯގެ މަންދޫބު އަރްވިންދް މާތުރ ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގައި ރާއްޖެއިން ޝާމިލްވަމުންދާއިރު، އެ ދާއިރާއިން އެދެވޭ ކުރިއެރުންތައްވެސް ހޯދަމުން އަންނަ ކަމަށެވެ. އަދި ޞިއްޙީ ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީ ފާހަގަ ކުރައްވާ، އަދި މުވައްޒަފުން ބިނާކުރުމާއި، ޚާއްޞަކޮށް މުވައްޒަފުންނަކީ ޤާބިލް ބަޔަކަށް ހެދުމަށް މިނިސްޓްރީން ކުރައްވާ މަސައްކަތަށް ތަޢްރީފް ކުރެއްވިއެވެ.

"ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ ޞިއްޙީ ތަފާތުތަކާއެކު މައްސަލަތަކަށް އެޑްރެސްކުރުމުގައި ރާއްޖެއިން އަންނަނީ މުހިންމު ރޯލެއް އަދާކުރަމުން. ބަދަލުވަމުންދާ ދުނިޔެއެއްގައި ޞިއްޙީ ގޮތުން ނާޒުކު މައްސަލަތައް ކުރިމަތިވޭ. ބައިނަލްއަޤްވާމި ފެންވަރެއްގައި މިކަންކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ވަރަށް މުހިންމު ދައުރެއް އަދާކުރޭ. ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން، ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަށް އެޑްރެސްކުރުމަށް އެކި ފެންވަރުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް ހެލްތު މިނިސްޓްރީން ދެއްވާ އަހައްމިއްޔަތުކަން." ރާއްޖޭގައި ހުންނަވާ ދުނިޔޭ ޞިއްޙަތު ޖަމްއިއްޔާގެ ރެޕްރެޒެންޓޭޓިވް އަރްވިންދް މާތުރެވެ.

ދިވެހިރާއްޖެއަކީ ޑަބްލިއު.އެޗް.އޯގެ މިސަރަޙައްދުގެ ރީޖަނަލް ކޮމިޓީއާއި، ވޯލްޑް ހެލްތު އެސެމްބްލީއާއި ،އެގްޒެކެޓިވް ބޯޑުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެކެވެ. މީގެ އިތުރުންވެސް ވޯލްޑް ހެލްތު އެސެމްބްލީއާއި ރީޖަނަލް ކޮމިޓީގެ ބައްދަލުވުންތަކުގެ ބައެއް މަޤާމުތަކަށް ރާއްޖެ ހޮވުމަކީ، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް ބަލައިގަންނަކަމުގެ ހެއްކެކެވެ. އެހެންކަމުން މިފަދަ ކާމިޔާބީތައް ދެމެހެއްޓުމާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމާއި، އަދި ސަރަޙައްދީ ޖަމްއިއްޔާ ޖަމާއަތްތަކުން އެހީ ހޯދުމުގެ މަސައްކަތަށް މިފެށި ތަމްރީނުގެ ސަބަބުން މަގުފަހިވެ، އިތުރަށް ކުރިއެރުން ލިބިގެންދާނެއެވެ.