ތަޢުލީމު

ސާނަވީ ޓީޗަރުންގެ ފަންނީ ޤާބިލްކަން އިތުރުކުރައްވަނީ


ސާނަވީ ޓީޗަރުންގެ ފަންނީ ޤާބިލްކަން އިތުރު ކުރެއްވުމަށްޓަކައި ކެމްބިރިޖާ ގުޅިވަޑައިގެން ނޭޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ތަމްރީން ޕްރޮގްރާމެއް ފަށްޓަވައިފިއެވެ.

ކެމްބްރިޖް އިންޓަރނޭޝަލް އެގްޒަމިނޭޝަންސްއާއި ނޭޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ގުޅިވަޑައިގެން ކުރިޔަށް ގެންދަވާ މި ތަމްރީނު ޕްރޮގްރާމުގައި، ޢިމްތިޙާންތަކުގައި ޢަމަލުކުރައްވަންޖެހޭ އުޞޫލާއި، އިމްތިޙާނު ކަރުދާހުގެ ރައްކާތެރިކަމާއި، އިމްތިޙާނާއި ގުޅޭގޮތުން ކުރައްވަންޖެހޭ އިދާރީ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އިމްތިޙާނުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް އެ ބޭފުޅުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މި ޕްރޮގްރާމްގެ އަލީގައި ސާފުކޮށްދެއްވާނެ ކަމަށް އެން.އައި.އީން ވިދާޅުވެއެވެ.

ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ހިންގަވާ މި ޕްރޮގްރާމާ ގުޅޭގޮތުން ޕީ.އެސް.އެމް ނިވްސްއަށް މަޢުލޫމާތު ދެއްވަމުން އެން.އައި.އީގެ ސްޕްރިންޓެންޑެންޓް ޢަލީ ރަޝީދު ވިދާޅުވީ ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބައްލަވާއިރު، މި ޓްރެއިންގ ޕްރޮގްރާމްގައި ޓީޗަރުން ބައިވެރިވާ ސްކޫލްތަކުން ދަރިވަރުންގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ކެމްބްރިޖް އިންޓަރނޭޝަލް އެގްޒަމިނޭޝަނުން ފޮނުވާފައިވާ ފަންނީ މާހިރުންނެވެ. މިފަހަރުގެ ޕްރޮގްރާމް ޚާއްޞަކުރައްވާފައިވަނީ އިނގިރޭސީ، ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީ ކިޔަވަދެއްވާ ޓީޗަރުންނަށެވެ. 3 ދުވަހުގެ މި ތަމްރީން ޕްރޮގްރާމްގައި ޘާނަވީ މަރުޙަލާއަށް ކިޔަވައިދެއްވާ 62 ސްކޫލެއްގެ 112 ޓީޗަރުން ވަނީ ބައިވެރިވެފަވެއެވެ. މި ޕްރޮގްރާމް ނިމޭނީ މި ހަފުތާގެ ބުދަދުވަހުއެވެ.