ވިޔަފާރި

މާލޭގެ 18 ފިހާރައަކުން ބީއެމްއެލް ގިފްޓު ކާޑު ލިބޭނެ


ރީޓެއިލް ވިޔަފާރިކުރާ ގިނަ އަދަދެއްގެ ތަންތަނުން މިއަދުން ފެށިގެން ބީއެމްއެލް ގިފްޓް ކާޑު ގަންނަން ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރީ މިހާރު މާލޭއިން ގިފްޓް ކާޑު ގަންނަން ލިބެން ހުންނަ ތަނެއް ކަމުގައިވާ، ސިވިލް ކޮފީ ސޮސައިޓީ ކެފޭގައި މިއަދު ބޭއްވި ކުޑަ ޙަފްލާއެއްގައެވެ. މި ޙަފްލާއަށް ޒިޔާރަތްކުރި މެހެމާނުންނަށް "އަހަރެންގެ ބޭންކް" ޚާއްޞަ ގިފްޓްކާޑު ވަނީ ހަދިޔާކޮށްފައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް، މުޙައްމަދު ސަޢީދު، ވިދާޅުވީ މާލޭގެ 18 ފިހާރައަކުން މިހާރު ބީއެމްއެލް ގިފްޓު ކާޑު ލިބެންހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އިތުރު ތަންތަނުން ގިފްޓު ކާޑު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސަޢީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު ލޯންޗުކުރި ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް އަދި ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. މާސްޓަރ ކާޑާ ގުޅިގެން ބީއެމްއެލްއިން ތަޢާރަފްކުރި ގިފްޓް ކާޑުގައި 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1000 ރުފިޔާ ބޭނުންކުރެވޭނެ ކާޑު ހުރެއެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވާރކްކަމުގައިވާ ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.