ވިޔަފާރި

1.6 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓަށް ހުއްދަ ދީފި


ނިމުނު އަހަރު 1.6 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓަށް ހުއްދަ ދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު، 300 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަޖިސްޓްރާރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ހުސްވި އަހަރުތެރޭ 1.6 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓަށް ހުއްދަ ދެވިފައިވާ އިރު، އޭގެތެރެއިން %80 އަކީ ފަތުރުވެރިކަމުގެ ސިނާތަށް އިންވެސްޓުކުރުމަށް ދެއްވާފައިވާ ހުއްދަ ކަމަށާއި، ބާކީ %20 އަކީ ލޮޖިސްޓިކްގެ ދާއިރާއަށް ކަމަށެވެ. މި ފޮރިން އިންވެސްޓްމެންޓް ތަކުން ކުރިއަށްއޮތް 5 އަހަރުގެތެރޭ އިންވެސްޓް ކުރާނެކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓުކުރުމަށް ހުއްދަ ދިނުމުގައި، އިންވެސްޓުކުރާ ދާއިރާއާއި އިންވެސްޓުކުރަން ހުށަހަޅާ ފައިސާގެ ޢަދަދުގެ އިތުރުން އެ އިންވެސްޓްމަންޓަކުން އުފެދިގެންދާނެ ވާޒީފާތަކަށްވެސް އިކޮނޮމިކް މިނިސްޓްރީން އިސްކަންދެއްވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.