ޚަބަރު

އިންވިޖިލޭޓަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް


އޭލެވެލް އަދި އޯލެވެލް އިމްތިޙާނުތައް ބަލަހައްޓާ އިންވިޖިލޭޓަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށްޓަވައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކުރިއަށް ގެންދަވާ މި މަސައްކަތު ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބާއްވަވާ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީނަމަވެސް އޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ރާއްޖެ އަކީ ނަމޫނާ ޤައުމެއް ކަމަށެވެ. އަދި އިމްތިޙާނުތައް އެހާ ފުރިހަމައަށް ކުރިއަށް ގެންދިޔުމުގައި އިންވިޖިލޭޓަރުންނާއި ސްކޫލްތަކުން ކުރައްވާ ބުރަ މަސައްކަތް ޝަކީބު ފާހަގަކުރެއްވިއެވެ.

"ސީދާ އެބޭފުޅުންގެ ބެލުމުގެ ދަށުން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ނުވަތަ އިމްތިޙާނު ބާއްވާ ތަނެއްގެ ބެލުމުގެ ދަށަށް ސުވާލު ކަރުދާސްތައް މިގޮތަށް މިހެން ދޫކޮލާފައި ހުންނަ، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް މުހިންމު މި ތަމްރީނުތައް ބަރާބަރަށް ފުރިހަމަކުރަން. އަޅުގަނޑުމެންނަށް ފުރުޞަތު ދެވޭކަށް ނެތް ކޮންމެ ކޮންމެ ބޭފުޅަކަށް އެބޭފުޅެއްގެ ހަމައެކަނި މަޤާމުގެ މަސްޢޫލިއްޔަތަށް ބަލާފައި އިމްތިޙާނުގެ ޗީފް އިންވިޖިލޭޓަރުކަން ނުވަތަ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވޭކަށްވެސް." ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބް ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14868986049714.jpg|ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބް - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދަވާ މި މަސައްކަތު ބައްދަލުވުމުގައި މާލެއާއި އަތޮޅުތަކުން 57 ސެންޓަރަކުން ޖުމްލަ 80 މީހުން ބައިވެރިވެއެވެ. މިއީ، އިމްތިޙާނު ހޯލު ބަލަހައްޓާ ފަރާތްތަކަށް އިމްތިޙާނުގެ އިދާރީ އެންމެހާ މަސައްކަތްތަކާއި އިމްތިޙާނު ހިންގުމުގެ ޢާންމު އުސޫލުތައް އަންގައިދިނުމަށް ބާއްވަވާ މަސައްކަތު ބައްދަލުވުމެއް ކަމަށް އެޑިޕާޓުމަންޓުން ހާމަކުރައްވައެވެ. މިބައްދަލުވުމުގައި އިމްތިޙާނުގެ ޗީފް އިންވިޖިލޭޓަރާއި ކޯޑިނޭޓިންގ އިންވިޖިލޭޓަރ އަދި އޮފިޝަލުންގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތަކާއިގުޅޭ މަޢޫލޫމާތު ބައިވެރިންނަށް ދެއްވާނެއެވެ. އަދި އިމްތިޙާނު ކަރުދާހުގެ ރައްކާތެރިކަމާއި، އިމްތިޙާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ މަޢޫލޫމާތާއި ޢަމަލީ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މިބައްދަލުވުން ކުރިން ބާއްވަވަނީ ދެ އިމްތިޙާނަށް ވަކި ބައްދަލުވުންތަކެއްގެ ގޮތުގައެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ހުރިހާ އިމްތިޙާނުތަކެއް އިންވިޖިލޭޓް ކުރެވޭ ގޮތަށް އެއް މަސައްކަތު ބައްދަލުވުން ބޭއްވެވުމަށް އެޑިޕާރޓްމަންޓުން ވަނީ ނިންމަވާފައެވެ.