ޚަބަރު

ކަނޑު އުޅަނދުތައް ފާސްކުރެއްވުމުގެ މަސައްކަތް ސިފައިން ފަށްޓައިފި


ކަނޑުމަތީގައި ހިނގާފާނެ އަލިފާނުގެ ހާދިސާތައް މަދުކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ގޮތުން ކަނޑު އުޅަނދުތައް ފާސްކުރެއްވުމުގެ މަސައްކަތް ސިފައިން ފަށްޓަވައިފިއެވެ.

މިއީ އޮޕަރޭޝަން ހިރާސް ފާސްގެދަށުން ކުރިއަށް ގެންދަވާ މަސައްކަތެކެވެ. އަދި މިއީ، ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް ޑިފެންސް މިނިސްޓަރުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ޤައުމީ ދީފާޢީ ބާރުން ކުރިއަށްގެންދަވާ ޚާއްސަ އޮޕަރޭޝަނެކެވެ. img:http://s4.psmnews.mv/images/660x400/14733176532773.jpg|އެމްއެންޑީއެފުން ކަނޑު އުޅަނދެއް ޗެކްކުރުމުގައި ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ފަޔަރ އެންޑް ރެސްކިއު ސަރވިސްއާ ކޯސްޓްގާޑް ގުޅިގެން މާލޭ ނޯތު ހާބަރ ސަރަޙައްދުން މިއަދު ފެއްޓެވި އޮޕަރޭޝަނާއި ގުޅޭގޮތުން، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރ، މޭޖަރ މުޙައްމަދު ނަދީމް ވިދާޅުވީ، އަލިފާނުން ރައްކާތެރިވުމަށް އުޅަނދު ފަހަރުގައި ވަޞީލަތްތައް ހުރިނެތް ގޮތް ބެލުމާއި، ހާދިސާތަކަށް ހޭލުންތެރިކަން އިތުރުކުރުންފަދަ ކަންކަން މިއޮޕަރޭޝަންގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި އޮޕަރޭޝަންގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ބައްލަވަމުން ގެންދަވާނެއެވެ. އެގޮތުން އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެއްލެވުމުގެ އިތުރުން، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއޮޕަރޭޝަން މިހަފުތާގެ ނިޔަލަށް މާލެއާއި ވިލިމާލެއާއި އަދި ހުޅުމާލޭގައި ކޮންމެ ދުވަހަކު ހެނދުނު 9ން މެންދުރު 12ށް ކުރިއަށް ގެންދަވާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ އޭރިއާތަކެއްގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.