ޚަބަރު

ޖިނާޢީ ޢިޖުރާޢަތުގެ އައު ޤާނޫނަށް ތަމްރީނުވުން މުހިއްމު


ޖިނާޢީ ޢަދުލުގެ ނިޒާމުގައި މިހާރު ޢަމަލުކުރަމުންދާ ގޮތްތަކަކީ މުޢައްސަސާތަކުން ކަންކަން ކުރައްވަން އޮންނަ އުޞޫލުކަމަށް ޤަބޫލުކުރެއްވުން ބަދަލުކުރައްވައި، އާވިސްނެވުމަކާއެކު ޖިނާޢީ ޢިޖުރާޢަތުގެ އައު ޤާނޫނަށް ހުރިހާ މުޢައްސަސާތަކުންވެސް ތަމްރީނުވެވަޑައިގަތުން މުހިއްމުކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރައްވަން ފެށްޓެވުމުގެ ކުރިން ޤާނޫނު ތަންފީޒުކުރައްވާ އިދާރާތަކުގެ ޓްރެއިނަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް އެޓަރނީ ޖެނަރަލްގެ އޮފީހުން މިއަދު ވަނީ ފަށްޓަވާފައެވެ. އެގޮތުން މިއަދު ފެށްޓެވި ތަމްރީނު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކަމާގުޅުންހުރި އިސް ބޭފުޅުންނެވެ.

މި ތަމްރީނު ޕްރޮގްރާމް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނާއިބު މުޙައްމަދު އަނިލް ވިދާޅުވީ، ޤައުމުގައި ސަލާމަތްތެރިކަމާއި، އަމަން އަމާންކަން ދެމި އޮތުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދުކަމަށްވީއިރު، ފަރުދުންގެ ޙައްޤުތައް ރައްކާތެރި ކުރެއްވުމުގެ ގޮތުން، ކުށެއްގެ ތުހުމަތު ކުރެވޭ މީހާއާއި، ގެއްލުންވާ މީހުންގެ ޙައްޤުތަކެއް ހުރިކަންވެސް ޤަބޫލުކުރައްވަންވާނެ ކަމަށެވެ. އެގޮތުން ޖިނާޢީ ޢިޖުރާޢަތުގެ އައު ޤާނޫނަށް ޢަމަލުކުރައްވަން ފެށްޓެވުމުން ކުށުގެ ތުޙުމަތު ކުރެވޭ މީހުންނަށްވެސް ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ، އަލަށް ޢަމަލުކުރައްވަން ފަށްޓަވާ އެހެން ޤާނޫނުތަކެކޭ އެއްފަދައިން ޖިނާޢީ ޢިޖުރާޢަތުގެ އައު ޤާނޫނަށް އަމަލުކުރައްވަން ފެއްޓެވުމުންވެސް ބައެއް ބަދަލުތައް ގެންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު އެ ޤާނޫނަށް ޢަމަލުކުރައްވަން ފަށްޓަވާއިރު، އޭގެކުރިން ގެންނަވަންޖެހޭކަމަށް ކަމާގުޅުންހުރި އިދާރާތަކުން ފާހަގަކުރައްވާފައިވާ ބަދަލުތައް ގެނައުމަށް ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށް ބަންޑާރަނާއިބު ވިދާޅުވިއެވެ. ހެއްކާއި ބެހޭ އައު ޤާނޫނެއްގެ ބިލެއް މިހާރު މަޖިލީހަށް ހުށައަޅުއްވާފައިވާ ކަމަށާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އައު ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށައެޅުއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ވިދާޅުވީ، ޖިނާޢީ ޢިޖުރާޢަތުގެ ޢައު ޤާނޫނެއް ނެތުމުން ފުލުހުންގެ މަސައްކަތްތަކަށް މީގެކުރިން ދަތިތަކެއް ކުރިމަތިވެ، މައްސަލަތަކުގެ ތަޙްޤީޤު ހިނގަމުންދާއިރު، ގިނަ ޝަކުވާތަކެއް ހުށައެޅޭ ކަމަށެވެ. އެހެންކަމުން ޖިނާޢީ ޢިޖުރާޢަތުގެ އައު ޤާނޫނަށް ޢަމަލުކުރައްވަން ފެއްޓެވުމުން ފުލުހުންގެ މަސައްކަތްތަކަށް ކުރިއެރުން ލިބޭނެކަން ފާހަގަކުރެއްވިއެވެ.