ވިޔަފާރި

މޯލްޑިވިއަނަށް އިތުރު ސީޕްލޭނެއް


ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓެއް ގެނެސްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ގެނައި އައު ބޯޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ މިރޭ 19:50 އެހާކަންހާއިރުއެވެ. އައިލެންޑް އޭވިއޭޝަނުގެ މި ބޯޓް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސީޕްލޭން އޮޕަރޭޝަންތަކުގައެވެ. އަލަށް ގެނައި މި ބޯޓާއިއެކު މޫދަށް ޖައްސާ ބޯޓްގެ ޢަދަދު ވަނީ 11 އަށް އަރާފައެވެ.

މި ބޯޓް ގެނެސްފައިވަނީ ސްވިޒަރލެންޑުންނެވެ. އައިލެންޑް އޭވިއޭޝަނުން މިފަހަރުވެސް ގެނެސްފައިވަނީ ޓްވިން އޮޓަރ މަރުކާގެ ސީޕްލޭނެކެވެ. ޓީވީއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ހާރިސް ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަލުވިމިނެއްގައި ކުރިއަރަމުން އަންނަކަމަށެވެ. އެހެންކަމުން އަލަށްގެނައި މި ބޯޓްގެ ސަބަބުން ސީޕްލޭން އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުން ލިބިގެންދާނޭ ކަމަށް ހާރިޝް ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަނުގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ހާރިސް ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުގެ މި ބޯޓާއިއެކު އެކުންފުނިން ފަތުރުވެރިންނަށް ދެމުންއަންނަ ދަތުރުފަތުރުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެގެންދާނޭ ކަމަށެވެ. އައިލެންޑް އޭވިއޭޝަނުން އަންނަނީ ރާއްޖޭގެ ހަ ރިސޯޓަކަށް ސީ ޕްލޭންގެ ޚިދުމަތް ދެމުންނެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 15 އަށްވުރެ ގިނަ ދަތުރު ސީ ޕްލޭންތަކުން ކުރަމުން އަންނަކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދެއްވައެވެ.