ޚަބަރު

ޓޫރިޒަމް މިނިސްޓަރު ތައިލެންޑާއެކު މަޝްވަރާ ކުރައްވައިފި


ތައިލެންޑް ސަރުކާރުގެ ދަޢުވަތަކަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އެޤައުމަށް ކުރެއްވި ޒިޔާރަތުގައި، ދެޤައުމުގެ ދެމެދުގައި ކުރިއަށްގެންދެވިދާނެ ވިޔަފާރީގެ އެކި މުޢާމަލާތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. 

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ މިދަތުރުފުޅުގައި ތައިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓަރު އަރުހަމް ތާމިޕަތުޔަޕައިސިތުއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ތައިލެންޑާއި ދެމެދު ކުރާ ވައިގެ ދަތުރުތައް އިތުރަށް ފުޅާކުރުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިމަޝްވަރާ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް ތައިލެންޑްގެ މައި އެއަރޕޯޓުގައި މަތިންދާބޯޓް ޕާކްކުރުންފަދަ ކަންކަމަށް ދާއިމީ ސްލޮޓެއް ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި މޯލްޑިވިއަންއާ ގުޅިގެން ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދިއުމަށް މުޙިއްމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ. 

ދިވެހިރާއްޖެއާއި ތައިލެންޑަކީ ވިޔަފާރީގެ ރޮނގުން ވަރަށް ގާތް ގުޅުމެއް ބަދަހިކުރަމުންދާ ދެޤައުމެވެ.  ތައިލެންޑުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރާއިރު، ތައިލެންޑަކީ ރާއްޖެއިން މަހުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް ބޭރުކުރާ އެއް ޤައުމެވެ.