ޚަބަރު

ރާއްޖެ–ސްރީލަންކާ:އެއްބާރުލުންދޭ ކަންކަން ތަންފީޒުކުރައްވަނީ


މުހިއްމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ދެޤައުމުގެ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައިވާ ކަންކަން ވީހާވެސް އަވަހަށް ތަންފީޒުކުރައްވައި، ހަރުދަނާކުރެއްވުމަށް ރާއްޖެއާއި ސްރީލަންކާގެ ތިންވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުން ނިންމަވައިފިއެވެ.

ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި ބައިވެރިވެވަޑިގެންނެވި ދެޤައުމުގެވެސް އިސް އޮފިޝަލުން ވިދާޅުވީ، މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ސްރީލަންކާގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވެވި، ދިވެހިރާއްޖެ - ސްރީލަންކާ ޖޮއިންޓް ކޮމިޝަން ބައްދަލުވުން ކުރިއަށްގެންދެވީ މިމަހުގެ އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހު ދިވެހި ޚާރިޖީ ވުޒާރާގައެވެ.

ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމެވެ. ސްރީލަންކާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޤައުމުގެ ފޮރިން މިނިސްޓަރ މަންގަލަ ސަމަރަވީރާއެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރެއްވުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެތެރޭގައި ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، އިޖްތިމާޢީ ރައްކާތެރިކާތެރިކަމުގެ ދާއިރާގެ އިތުރުން، ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިންވެސް ކުރިއަށް އޮތްތަނުގައި އިތުރަށް އެއްބާރުލުން ދެއްވުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. ޖޮއިންޓް ކޮމިޝަން މިބައްދަލުވުމަށްފަހު، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ދެޤައުމުގެ ސަރުކާރުންވެސް ދެއްވާ ޚިދުމަތްތަކާއި ގުޅޭގޮތުން ވަރަށް އެކުވެރި މާޙައުލެއްގައި މަޝްވަރާކުރައްވައި ކުރިއެރުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރުވެސް އެބަހުރި ބައެއް އެމް.އޯ.ޔޫތަކުގައި ސޮއިކުރެވިފައި. މިސާލަކަށް ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި ޒުވާނުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން އިތުރަށް ހަރުދަނާކޮށް، މިހަރަކާތްތައް ވީހާވެސް އަވަހަށް ތަންފީޒުކުރުމަށް އަޅުގަނޑުމެންނަށް އެއްބަސްވެވުނީ. އެހެންވީމަ މިކަންތައްތައް އަޅުގަނޑުމެން ކުރިއަށްގެންދާނަން. އެހެންވީމަ މިއީ ވަރަށް ހައި ލެވަލްއެއްގައި ގިނަ ކާމިޔާބީތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިގެންދިޔަ ބައްދަލުވުމެއް.،" ޒާހިޔާ ވިދާޅުވިއެވެ.

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް ރިޓަޔަރޑް، ބީ.އާރު.ޑަބްލިއު.އެމް.އާރު.އޭ.ބީ. ތޮރަޑެނިޔަ ވިދާޅުވީ މިބައްދަލުވުމުގައި ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރިއަށްގެންދަވާފައިވާ ކަމަށާ، މިކަމުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ރާއްޖެ ސްރީލަންކާ ޖޮއިންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން ބޭއްވެވީ ދިވެހިރާއްޖޭގައެވެ. ދެވަނަ ބައްދަލުވުން ސްރީލަންކާގައި ބޭއްވެވުމަށްފަހު، މިފަހަރު ރާއްޖޭގައި ބޭއްވެވި ތިންވަނަ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ޖޮއިންޓް ކޮމިޝަން ބައްދަލުވުމެއް ދެން ބާއްވަވާނީ 2019 ވަނަ އަހަރު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ކަމަށް ކަނޑައަޅުއްވާފައެވެ.