ކުޅިވަރު

ޤައުމީ ފެތުންތެރިންނަށް ސިއްޙަތާގުޅޭ ޚާއްސަ ސެމިނާއެއް ބާއްވައިފި


" ވިނިންގް ޕަވަރ ތްރޫ ނޯރިޝްމަންޓް " ގެ ނަމުގައި ޤައުމީ ލެވެލްގައި ވާދަކުރާ ފެތުންތެރިންނަށް ޚާއްސަ ސެމިނާއެއް ބާއްވައިފިއެވެ.

 ސްވިމިން އެސޯސިއޭޝަނުން އިސްނަންގަވައިގެން ބޭއްވި މި ސެމިނާއަކީ އަރަމުން އަންނަ ޒުވާން ފެތުންތެރިން ކުރަމުން އަންނަ ތަމްރީނު ތަކުގެ އިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ރަނގަޅު ކާނާ ބޭނުންކުރާނެ ގޮތްތައް އަންގައި ދިނުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ސެމިނާއެކެވެ. އަދި ފެތުންތެރިން ގެންގުޅޭނެ ރަނގަޅު ޑައިޓްތައް މި ސެމިނާގައި އެކި ޢުމުރުފުރާތަކުގައި ވާދަކުރާ ޤައުމީ ފެތުންތެރިންނާ ޙިއްސާކުރިއެވެ. img:http://s3.psmnews.mv/images/660x400/14868056283715.jpg|ފެތުންތެރިންގެ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ ޕީއެސްއެމް  

މި ސެމިނާގައި ކިޔަވައިދެއްވީ އައިޖީއެމްއެޗްގެ ތަޖުރިބާކާރު ޑައިޓީޝަން އާސިޔާ ޢަބްދުއް ރަޙީމާއި ހެލްތު މިނިސްޓްރީން ހިންގަވާ ޕަބްލިކް ހެލްތު ޕްރޮގްރާމްގެ މެނޭޖަރ ފާޠިމަތު ޠާހިރާއެވެ. މި ދެބޭފުޅުން ވަކިވަކިން ކުރިޔަށް ގެންދެވި ސެޝަންތަކުގައި މޮޅު އެތްލީޓަކަށް ވާން ބޭނުންކަމަށްވާނަމަ ބޭނުންކުރަންވީ ފައިދާހުރި ކާނާއާއި އެތްލީޓުން ދުރުވާންޖެހޭ ކެއިން ބުމުގެ ބާވަތްތަކާބެހޭ ތަފްސީލީ މަޢުލޫމާތު ޙިއްސާ ކުރެއްވިއެވެ. ޤައުމީ ފެތުންތެރިންގެ އިތުރުން ޅަ ޢުމުރުފުރާ ތަކުގައި ވާދަކުރާ ފެތުންތެރިންގެ ބެލެނިވެރިންނަށްވެސްވަނީ ކާމިޔާބަކާ ހަމަޔަށް އެކުދިން ގެންދަން ބޭނުން ކަމަށްވާނަމަ ރަނގަޅު ކާނާ ބޭނުންކުރުމުގެ އާދަ އަށަގެންނެވުމާ ގުޅޭގޮތުން ވަރަށް ގިނަ މަޢުލޫމާތު ފޯރުކޮށްދީފައެވެ. ސްވިމިން އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މިފަދަ ސެމިނާތައް ކުރިޔަށް އޮތްތަނުގައިވެސް ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން އެއިރެއްގައި އެކި ޢުމުރުފުރާތަކުގައި ވާދަކުރާ ޤައުމީ ލެވެލްގެ ފެތުންތެރިންނަށް މި މަޢުލޫމާތު ޙިއްސާކުރައްވާނެއެވެ.