ޚަބަރު

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އުޖާލާ ދިރިއުޅުމެއް"


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އުޖާލާ ދިރިއުޅުމެއް ފަހިކޮށްދެއްވުމުގެ އަމާޒުގައި ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ބޭސްފަރުވާގެ ކަންކަން ޞިއްޙީ ނިޒާމުގެ ތެރެއިން ލުއި ފަސޭހަގޮތެއްގައި ލިބޭނޭ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ. އޭގެތެރޭގައި، އައިޖީއެމްއެޗުގައި ކިއުގައިނުޖެހި ޚިދްމަތް ހޯދުމާއި، ސެނެހިޔާއިން ބޭސްފަރުވާކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވުން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ލުއިފަސޭހަގޮތެއްގައި ދެވޭނޭ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޞިއްޙީ އަދި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ބޭނުންކުރާ ގިނަ އާލާތްތައް ކުރިން އާސަންދައިން ލިބެން ނެތްނަމަވެސް މިހާރު އާސަންދައިން އެފަދަ ތަކެތި ލިބޭނެ އިންތިޒާމްވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މީގެތެރޭގައި ވީލްޗެއަރ އާއި ހިއަރިންގް އެއިޑްފަދަ ތަކެތި ހިމެނެއެވެ.

އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް، ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެއާއެކު އެކީގައި ގެންދަވަނީ، އެމީހުން ބާރުވެރިކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރެއްވުވުމުގެ ގޮތުން މުޖުތަމަޢުގެ އެކި ކަންކަމުގައި އެމީހުން ބައިވެރިކުރެއްވުމާއި، ވަޒީފާގެ ފުރުޞަތުތައް ސަރުކާރުން ގެންދަވަނީ ފަހިކޮށްދެއްވަމުންނެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް މިގެންދަނީ ހިންގަމުން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާ އަދާކުރެވޭވަރުގެ 277 މީހުންނަށް މިހާރު ވަނީ ވަޒީފާ ހަމަޖައްސައިދެވިފައި" ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވަމުން ދާއިރު، ވަޒީފާގެ މާޙައުލަކީ މިފަދަ މީހުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެއްދެވުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، ދެމެހެއްޓެވިނި ނިޒާމެއްގެ ދަށުން ވަޒީފާގެ ކަންކަން ހަމަޖެއްސެވުމަށް، މިފަދަ މީހުންނަށް ވަޒީފާދޭ ފަރާތްތަކަށް ހޭލުންތެރިކުރެއްވުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަވައެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ބެލުމުގެ ދަށުން މިފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންދަވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިން ކުންފުނިތަކަށް ކުރިޔަށް ގެންދަވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިމެނެއެވެ. ހަމަ އެއާއެކު، ސަޕޯޓް ސިސްޓަމެއް ޤާއިމް ކުރެއްވުމުގެ މަސައްކަތްވެސް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރުތައް ސްކޫލް މަރުޙަލާގައި ދެނެގަނެ، ސްކޫލް ނިޒާމްގެ ތެރެއިން އެކުއްޖަކު ތަމްރީންކުރެއްވުމެވެ. އެގޮތުން އެކުއްޖެއްގެ ޤާބިލިއްޔަތު ހުރި މިންވަރަކުން، ވަޒީފާގެ މާޙައުލަށް ފަހިވާގޮތައް އެކުދިން ބިނާކުރުމަށް އެކި ދާއިރާތަކުން ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.