ދުނިޔެ

އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރާ އަމުރު ހުއްޓުވައިފި


7 ޤައުމެއްގެ މުސްލިމުންނާއި ރެފިއުޖީން އެމެރިކާއަށް ވަނުން މަނާކޮށް ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވުމަށް ވޮޝިންގޓަންގެ ޑިސްޓްރިކްޓް ކޯޓުން ނެރުއްވި އަމުރަށް، އެމެރިކާގެ އިސްތިއުނާފު ކޯޓަކުން ތަޢީދުކޮށްފިއެވެ. 

އެމެރިކާގެ ނައިންތް ޔޫ.އެސް ސަރކިޓް ކޯޓް އޮފް އެޕީލްއިން މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުއްވި ޙުކުމުގައިވަނީ، އެމެރިކާއަށް ވަނުން މަނާކުރި ޤައުމުތަކުން އެމެރިކާއަށް އެއްވެސް ނުރައްކަލެއް އޮތްކަން ނުވަތަ ހަމާލާއެއް ދޭން އުޅޭކަން ސަރުކާރަށް ސާބިތުކޮށްދެވިފައިނުވާކަމަށެވެ. އަދި ޓްރަމްޕްގެ އަމުރުގެ ސަބަބުން އެމެރިކާއަށް އަންނަ ފަރާތްތަކަށް އެމެރިކާގެ ޤާނޫނުއަސާސީން ލިބިދޭ ހައްޤުތައް ނިގުޅައިގަނެވޭނޭކަމަށް ޙުކުމްގައިވެއެވެ. 

img:http://s2.psmnews.mv/images/660x400/14867155374293.jpg|އެމެރިކާގެ ނައިންތް ސާރކިޓް ކޯޓް އޮފް އެޕީލްސް ހުންނަ އިމާރާތް / މިކޯޓުން ވަނީ ޓްރަމްޕްގެ ރިޔާސީ އަމުރެއް ހުއްޓުވާފައި

މިޙުކުމާއެކު، ރައީސް ޓްރަމްޕްގެ އަމުރުން އެމެރިކާއަށް ވަނުން މަނާކުރި ޤައުމުތައް ކަމަށްވާ، އީރާން، އިރާޤް، ލީބިޔާ، ސޯމާލިޔާ، ސޫދާން، ސޫރިޔާ، ޔަމަން މިޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން ވިސާ އޮތް ފަރާތްތަކަށް އެމެރިކާއަށް ވަނުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އަދި އެމެރިކާއަށް ރެފިއުޖީން ވަނުމަށްވެސް ހުރަހެއް ނޯންނާނެއެވެ. 

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މުސްލިމުންނާއި ރެފިއުޖީން އެމެރިކާއަށް ވަނުން މަނާކޮށް ނެރުއްވި އަމުރާއެކު އެމެރިކާގައި ވަނީ މުޒާހަރާތައް ފަށާފައެވެ. އަދި އޭގެ ހަފްތާއެއް ފަހުން ސިއާޓްލްގެ ފެޑަރަލް ފަނޑިޔާރެއް ޓްރަމްޕްގެ އަމުރު ހުއްޓުވުމަށް އަމުރެއް ނެރުއްވިއެވެ. 

img:http://s1.psmnews.mv/images/660x400/14867155847173.jpg|އެމެރިކާގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން / އެމެރިކާގެ އެކި ހިސާބުތަކުގައި ދަނީ ޓްރަމްޕުގެ ސިޔާސަތުތައް ދެކޮޅު ހަދާ މުޒާހަރާކުރަމުން

އެމެރިކާގެ އިސްތިއުނާފް ކޯޓުން އިއްޔެ ތާއީދުކުރެއްވީ ސިއާޓްލްގެ ފަނޑިޔާރު ނެރުއްވި އަމުރު ދެމެހެއްޓުމަށެވެ. 

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވިދާޅުވީ މިމައްސަލައިގައި ކުރިއަށްދާނެ ގޮތެއް ނިންމަވާނީ ކޯޓު ޙުކުމް ދިރާސާކުރުމަށްފަހުކަމަށެވެ. 

ކޯޓު ޙުކުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ ވަނީ ނުރައްކާތެރި ހާލަތެއްގައިކަމަށާއި، މިމައްސަލައިގައި ކޯޓަށް ވަޑައިގެންނަވާކަމަށެވެ. މިމައްސަލައިގައި ޓްރަމްޕް ގެންދަވަނީ ވަރަށް ބޮޑަށް ކޯޓުތަަކަށާއި ފަނޑިޔާރުންނަށް ފާޑުވިދާޅުވަމުންނެވެ. 

ބެލެވޭ ގޮތުގައި ދެން މިމައްސަލަ ބައްލަވާނީ އެމެރިކާގެ ސުޕްރީމް ކޯޓަށެވެ.