ޚަބަރު

ސިވިލްސަރވިސްގެ ޚިދުމަތްތަކާއި ހިންގުމަށް ބޮޑެތި ބަދަލުތަކެއް


ސިވިލްސަރވިސްގެ ޚިދުމަތްތަކާއި ހިންގުމަށް މިއަހަރު ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވަންޓުންނަކީ އިލްމީގޮތުން ޤާބިލް ބަޔަކަށް ހެއްދެވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު މުސާރައިގެ އޮނިގަނޑަށްވެސް ބަދަލުތަކެއް ގެންނަވަން މަސައްކަތް ކުރައްވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. ސިވިލްސަރވިސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ސިވިލްސަރވަންޓުންގެ ގޮތުގައި 24،500 އަށްވުރެ ގިނަ މީހުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެބަތިއްބެވެ. މީގެތެރޭގައި 13،000 އަށްވުރެ ގިނަ އަންހެނުންނާއި، 10،800 އަށް ވުރެ ގިނަ ފިރިހެނުން ހިމެނެއެވެ.

މި ސަރަޙައްދުގެ ގައުމަތަކާއި އަޅާ ބަލާއިރު ސިވިލް ސާރވަންޓުން އެންމެ ގިނައީ ރާއްޖޭގައެވެ. ރާއްޖޭގެ އަބާދީގެ ކޮންމެ 18 މީހަކުން އެކަކީ ސިވިލްސަރވަންޓެކެވެ. ސިވިލް ސާރވަންޓުން ގޮތުގައި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ތައުލީމީ ދާއިރާގައެވެ. ސިވިލް ސަރވިސް ޒަމާނީކޮށް، ޚަރަދުތަށް ކުޑަކުރައްވާ ރަނގަޅު ފެންވަރެއްގައި ހިންގެވުމަށް ގިނަ މަޝްރޫތަކެއް ހިންގަވަމުން ގެންދަވައެވެ. މީގެ ބައެއް މަސައްކަތްތައް ސީ.އެސް.ސީ އިން މިހާރުވެސް ވަނީ ފަށްޓަވާފައެވެ. އެގޮތުން ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން ހުރިހާ މިނިސްޓްރީތަކުގެ ހިއުމަން ރިސޯސް އޮޑިޓެއް ސީ.އެސް.ސީ މިހާރުވެސް ގެނަދަވަނީ ހައްދަވަމުންނެވެ.

ސީ.އެސް.ސީގެ ރައިސް ޑރ. ޢަލީ ޝަމީމް ވިދާޅުވީ، މާލެއާއި އަތޮޅުތަކުގައި ޚިދުމަތް ދެއްވާ ސިވިލްސަރވިސް މުވައްޒަފުންގެ ފަރަގު ކުޑަކުރައްވާ، ހުރިހާ ސިވިލް ސަރވަންޓުންނަކީވެސް ދުރާލާ ކަންކަން ރޭވުމުގެ ހުނަރާއި ތަމްރީނު ލިބިލައްވާފައިވާ ބަޔަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިޤްތިޞާދީގޮތުން ކުރިއަރާފައިވާ ޢިލްމީ، ތަހްޒީބު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ސިވިލްސަރވަންޓުންގެ ދައުރު ބޮޑުކަމަށެވެ. ސިވިލް ސާރވަންޓުންނަކީ ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ އާދައިގެ މުސާރަ ލިބޭ މުވައްޒަފުންނަށް ވުމާއެކު، އެކަން ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށްވެސް ޝަމީމި ވިދާޅުވިއެވެ.

"ސަރުކާރުގެ 90 އިންސައްތައަކީ ސިވިލްސަރވަންޓުން އެހެންކަމުން ސިވިލްސަރވަންޓުންގެ ހިންގުންތެރިކަމާއި، ސްޕީޑް އަވަސްވިވަރަކުން، ސަރުކާރުގެ ނަތީޖާވެސް ފުރިހަމައަށް ނެރެވޭނީ. އެހެންކަމުން ސަރުކާރާ ގުޅިގެން އަޅުގަނޑުމެން މިގެންދަނީ މިއަހަރު ހުރިހާ އަތޮޅެއްގައިވެސް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް." ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވިއެވެ.

ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިދާރީ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރައްވަން ފަށްޓަވާފައިވާ މަސައްކަތާއެކު، ކަނޑައަޅާފައިވާ އަމަޒަށް ވަރަށް އަވަހަށް ވާސިލްވެވޭނެ ކަމަށް ސީ.އެސް.ސީން ވިދާޅުވެއެވެ. ސިވިލްސަވިސް މުވައްޒަފުންގެ ޚިދުމަތްތަކާމެދު ހިތްހަމަޖެހުން އޮތް މިންވަރު ދެނެގަތުމަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމުގެ ޚާއްޞް ސަރވޭއެއް ކުރެއްވުމަށް ސީ.އެސް.ސީން ވަނީ ނިންމަވާފައެވެ.